ތޫފާން ދިތުވާގައި ލިބުނު ގެއްލުންތަކުން އަރައިނުގަނެވިގެން އުޅެނީސް އަނެއްކާވެސް އަވަށްޓެރި ސްރީލަންކާ އަށް މި ދެދުވަހު ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ.
ޚަބަރުތައް ބުނާ ގޮތުގައި އެންމެ ބޮޑަށް ވިއްސާރައީ ލަންކާގެ ދެކުނަށެވެ. އެ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ބޯކޮށް ވާރޭ ވެހުނުއިރު 15 ގަޑިއިރުގެ ތެރޭގައި 132 މިލިމީޓަރަށް ވާރޭ ވެހުނު ކަމަށް ލަންކާގެ މޫސުމާއި ބެހޭ އޮތޯރިޓީތަކުން ބުނެއެވެ. މިކަމުގެ ސަބަބުން ރިލީފް އޮޕަރޭޝަންތަކަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނެއެވެ.
މީގެ އިތުރުން ތިރި ސަރަޙައްދުތަކުގައި އަލުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާ އެބައޮތް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ލަންކާގެ ޑިޒާސްޓާ ސެންޓަރުން ބުނީ ދިތުވާ ތޫފާނުގައި 486 މީހުން މަރުވެފައިވާއިރު ގެއްލިފައިވާ އެތައް ސަތޭކަ ބަޔަކު އަދިވެސް ނުފެންނަ ކަމަށެވެ.
ލަންކާގެ އިދާރާތަކާއި ޙަވާލާދީ ސީއެންއޭ އިން ބުނީ ފަރުބަދަމަތީގަ އާއި އަދި ކުރިން ހަލާކުވެފައިވާ ސަރަޙައްދުތަކުގައި ވެސް ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާ ބޮޑު ކަމަށެވެ.






