ނޫސްވެރިކަމަކީ ފެކްޓް ބޭސްޑް އެއްޗެއް، ވަކި އަތަކަށް ޖެހުމަކީ ނޫސްވެރިކަމެއް ނޫން: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 17 ގަޑިއިރު ކުރިން - 4 ޑިސެންބަރު 2025 01:03
ރައީސް މާފަނުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުން---ފޮޓޯ: ރައީސް އޮފީސް
ރައީސް މާފަނުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުން---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ މިސަރުކާރަށް ވުރެ ގިނައިން ނޫސްވެރިންނަށް ފުރުސަތުދޭ ސަރުކާރެއް އޮތް ކަމަކަށް އެމަނިކުފާނު ދެކިވަޑައިނުންނަވާ ކަމަށް.

ވަކި އަތަކަށް ޖެހި ރައްޔިތުންނާ ހަމައަށް ހަބަރު ފޯރުކޮށްދިނުމަކީ ނޫސްވެރިކަމެއް ނޫން ކަމަށާއި، ހަގީގީ ނޫސްވެރިކަމަކީ "ފެކްޓް ބޭސްޑް " އެއްޗެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ތާޖުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި މީހަކު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މި ސަރުކާރަކީ ނޫސްވެރިންނަށް އެންމެ ފުޅާދާއިރާއްގައި ފުރުސަތު ދެއްވާ ސަރުކާރު ކަމަށެވެ.

ނޫސްވެރޔާގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެ ސުވާލު އަމާޒުކުރެއްވި ނޫސްވެރިޔާގެ އެޑިޓަރު ރައީސް އޮފީސްގައި ނޫސްވެރިންތަކަކާ އެކު އޮތް ބައްދަލުވުމަށް ވަޑައިގަތް ކަމަށާއި އެ ދުވަހު އެ ނޫހަކީ "ސަރުކާރާ ދެކޮޅު އެޑިޓޯރިއަލް" ޕޮލިސީއެއް އޮންނަ ނޫހެއް ކަމަށް ވިދާޅުވި ކަމަށެވެ. ރައީސް ވިދާޅުވީ އެގޮތަށް އިއުލާނު ކުރައްވާ ހިސާބުން އެ ނޫހެއްގެ އަންބައާސް ކަން ގެއްލުނީ ކަމަށާއި އެއޮތީ ވަކި އަތަކަށް ޖެހިފައި ކަމަށެވެ. އަދި އެ ގޮތަށް ޕޮލިސީ ކަނޑައަޅައިގެން ކުރިއަށްދާ ނަމަ އެ ނޫހެއްގެ ލެންސް އިންނާނީ އިދިކޮޅު ލެންސެއް ގޮތުގައި ކަމަށާއި އެހެން ކަމުން އެ ކުރެވެނީ ނޫސްވެރި ކަމެއް ނޫން ކަމަށާއި އެއީ ޕޮލިޓިކަލް އެކްޓިވިޒަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ނޫސްވެރިކަމަކީ ފެކްޓް ބޭސްޑް އެއްޗެއް. ދެ ފަރާތް ހަމަހަމައަށް ބަލައިގެން ހަގީގަތް ހާމަކުރުމުގެ ގޮތުން ކުރާ ކަމެއް ނޫސްވެރިކަމަކީ. ކޮންމެ ވާހަކައެއްގެ ވެސް ދެ ފަރާތް ގެންނަން ޖެހޭނެ. ފަސް ކާފެއް އޮވޭ. ތެދު ބަހުން ވާހަކަ ދައްކަން ޖެހޭނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނޫސްވެރިކަމާ ބެހޭ ކޮމިޝަނެއް މިހާރު އެއޮތީ ހަދާފައި ކަމަށާއި އެއްވެސް ނޫސްވެރިއެއް ނުވަތަ ނޫހަކާ ދޭތެރޭ ފިޔަވަޅެއް އެޅި ކަމެއް އެމަނިކުފާނަށް އެނގިފައެއް ނެތް ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ވިދާޅުވާން ބޭނުންވާ ވާހަކައަކަށް މި ސަރުކާރުން ހުރަހެއް އަޅާފައި ނުވާނެ ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ތަންމިނަށް ހުޅުވާލެވިފައި ކަމަށެވެ. ރައީސް ވިދާޅުވީ ނޫސްވެރިކަން ތަންމިނަށް ހުޅުވުނަސް އިސްލާމްދީނާ ހިލާފު ވާހަކައެއް، ގާނޫނު އަސާސީއާ ހިލާފު ވާހަކައެއް އަދި އެއްވެސް މީހެއްގެ އަބުރު ކަތިލުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށެވެ. އަދި ކޮންމެ ނޫސްވެރިއެއް ކޮންމެ ރައްޔިތެއްގެ ވެސް އަބުރަކީ ހަމަހަމަ އެއްޗެއް ކަމަށާއި އެއީ މަތިން ބާވައިލެއްވި ގާނޫނު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިސަރުކާރަށް ވުރެ ގިނައިން ނޫސްވެރިންނަށް ފުރުސަތުދޭ ސަރުކާރެއް އޮތް ކަމަކަށް އެމަނިކުފާނު ދެކިވަޑައިނުންނަވާ ކަމަށެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ މިއަހަރު މެއި މަހުގައި ބޭއްވުނު ނޫސްވެރިންގެ ކޮންފަރެންސް ކަމަށާއި ނޫސްވެރިންގެ ސުވާލު ހުސްވަންދެން ހުންނެވި ކަމަށާއި އެ ޕްރެސް ނިންމަވާލެއްވީ ނޫސްވެރިންގެ ސުވާލުތައް ހުސްވެ ގެއަށް ދާން ބޭނުންވެވަޑައިގަތީމަ ކަމަށް ރައީސް ވިދާޅުވި އެވެ.

ނޫސްވެރިކަމަކީ އެހެން ދާއިރާތަކެކޭ އެއްފަދައިން ވަރަށް ޕްރޮފެޝަނަލްކޮށް ޒިންމާދާރުކަމާއެކު ކުރަން ޖެހޭ ދާއިރާއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%