ރާއްޖޭގައި ދިމާވެފައިވާ ވާނުވާ މައްސަލައަށް ބަލާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ޖިންސީ ގޯނާގެ މައްސަލަތަކާއި ޑްރަގް ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި ހައްޔަރުކުރެވުނު މީހުން ކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.
ވާނުވާގެ މައްސަލައިގައި މިރޭ ރައީސްއާ މީހަކު ސުވާލުކުރަމުން ވިދާޅުވެފައިވަނީ ފަސް މިނެޓް ތެރޭގައި ވާނުވާގައި ބަންދުކުރެވިފައިވާ މީހުން ދޫނުކޮށްލެވެނީ ކީއްވެތޯ އެވެ. ޖަވާބުގައި ރައީސް ވިދާޅުވީ ތިމަން މަނިކުފާނަކީ ވައުދު ފުއްދާނެ މީހެއް ކަމަށާއި އެމަނިކުފާނު ސަރުކާރާ ހަވާލުވިއިރު ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގައި މިކަން ކުރެވޭނެ ގޮތެއް ނެތި އެ މައްސަލަތައް ފުނި ޖެހި މީހުން ތިބީ ހަގީގަތުގައި ވެސް ވާނުވާގައި ކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގައި ހުޅުމާލޭގައި ގާއިމްކުރެވުނު ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓާއެކު ވާނުވާގައި ތިބި ފަރާތްތަކުގެ ޝަރީއަތް ފެށުމުގެ މަސައްކަތް ވަނީ ފެށިފައިވާ ކަމަށާއި މިއިން ކޮންމެ މީހެއްގެ ޝަރީއަތް އަވަަހަށް ބެލުމުގެ ގޮތުން ޝަރީއަތްތައް ތާވަލުކުރެވިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ފަސް މިނެޓް ތެރޭ އެމަނިކުފާނަށް ވާނުވާގައި ތިބި ފަރާތްތައް ދޫނުކުރެވޭނެ ކަމަށާއި ވާނުވާގައި ތިބި 347 ފަރާތަކީ ބޮޑެތި ކުށް ކޮށްފައިވާ ތިބި މީހުން ކަމަށެވެ. ރައީސް ވަނީ އެއީ ކޮން ބާވަތެއްގެ ކުށް ކޮށްފައިވާ މީހުންކަމުގެ ތަފްސީލުވެސް ދެއްވާފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ޖިންސީ ގޯނާގެ މައްސަލަތަކުގައި ހައްޔަރުކުރެވުނު 117 މީހަކާއި ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި ހައްޔަރުކުރެވުނު 116 މީހެކެވެ. އަދި ބޮޑެތި މާރާމާރީތަކުގެ މައްސަލަތަކުގައި 70 މީހަކު ތިބި އިރު މީހުން މެރުމުގެ ކުށުގައި 29 މީހަކު، ޓެރަރިޒަމް މައްސަލަތަކުގައި 20 މީހަކު ވާނުވާ ބަންދުގައި އެބަތިއްބެވެ. މީގެ އިތުރުން، ކަޅުފައިސާ ދޮވުމާއި، ހަށިވިއްކުމާއި، އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވިފައި ތިބި ބަޔަކުވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިފަދަ ބޮޑެތި ކުށްތައް ކޮށްގެން ހައްޔަރުކުރެވިފައިވާ މީހުން މުޖުތަމައަށް ދޫކޮށްލުމަކީ އެއްވެސް ރައްޔިތަކު ބޭނުންފުޅުވާ ގޮތްތޯ ރައީސް ވަނީ ސުވާލުކޮށްފަ އެވެ. ރައީސް ވިދާޅުވީ ވަކި މީހަކު ދޫކޮށްލުމަށް ނުވަތަ ވަކި މީހަކަށް ވަކި ގޮތަކަށް ހުކުމް ކުރުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ވަކި މީހަކު ދޫކޮށްލުމަށް ނުވަތަ ވަކި މީހަކަށް ވަކި ގޮތަކަށް ހުކުމް ކުރުމަށްޓަކައި މި ސަރުކާރުން ޖުޑީޝަރީގެ ތެރެއަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި ކުރެވޭނެ ކަންކަމަކީ އެ މައްސަލަތައް ބެލުމަށް ކަންކަން ކޯޓުގައި ފަހިކޮށްދިނުން ކަމަށެވެ. އަދި އެކަންކަން ދަނީ ބާރުމިނުގައި ކަމަށާއި ކޯޓު ކޮމްޕްލެކްސްއެއްގެ ބޭނުމަކީ ވެސް އެއީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.





