ސަރުކާރު ސްކޫލުތަކުގައި ކިޔަވާ ކުދިންގެ ތެރެއިން ގްރޭޑު ހަތަރަކުން ފެށިގެން މަތީގެ ގްރޭޑުތަކުގެ ހުރިހާ އަންހެން ދަރިވަރުންގެ ސްކޫލް ޔުނީފޯމާއެކީ ސްކާޓް ލާން ބޭނުން ނަމަ ހަރުވާޅު ލާން އެޑިޔުކޭޝަން މިނިސްޓްރީން މަޖުބޫރުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ "ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނީފޯމް އުސޫލު" ނެރެފައެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ 2027 ވަނަ އަހަރުން ފެށިގެންނެވެ.
އެޑިއުކޭޝަން އިން ބުނިގޮތުގައި މި އެކުލަވާލީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޔުނީފޯމު ވަކި ކުލަތަކެއްގައި އެއްގޮތް ކުރުމަށެވެ. އެއާއެކު ޔުނީފޯމުތައް ހުންނާނެ ގޮތުގެ ކުރެހުން ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.
މި އުސޫލުގައިވާ ގޮތުން، ޔުނީފޯމާ އެކީ ހަރުވާޅުނުލައި ސްކާޓު ލެވޭނީ ބޭބީ ނާސަރީން ފެށިގެން ގުރޭޑް ތިނެއްގެ ދަރިވަރުންނަށެވެ. އެއަށްވުރެ މަތީގެ ގްރޭޑުތަކުގެ ދަރިވަރުން ބުރުގާ ނޭޅިނަމަވެސް ސްކާޓާއެކު ހަރުވާޅު ލާން ޖެހޭނެއެވެ. އަދި، އެ ކުދިންގެ ގަމީހުގެ އަތްކުރުކޮށާއި ދިގުކޮށް ވެސް ބެހެއްޓުމުގެ އިހްތިޔާރު ވަނީ ދީފައެވެ.
އާ އުސޫުގެ ދަށުން ބުރުގާ އަޅާ ދަރިވަރުންނަށް ސްކާޓްލުމާއި ނުލުމުގެ އިހުތިޔާރުވެސް ވަނީ ދީފައެވެ. ބުރުގާ އަޅާ ކުދިން ސްކާޓް ނުލާ ނަމަ، ބެގީ ނުކުރާ ގޮތަށް ވަނީ ކަނޑައަޅައިފައެވެ. އަދި، ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ފޫކޮޅަށްވުރެ 2-4 އިންޗިއާ ދެމެދު ދިގުކޮށެވެ.
އެ އުސޫލުގައި ބުނެފައިވަނީ ސްކޫލުތަކުގައި ބޭނުންކުރާ ރަސްމީ ޔުނީފޯމުތަކުގެ މަތި (ގަމީސް ޓޮޕް/ގަމީސް) ހުންނަންވާނީ ހުދު، 'ސްކައި ބްލޫ'، 'ޓީ ގްރީން'ގެ އިތުރުން 'ލައިޓް ރެޑް' ކުލައިގައި ކަމަށެވެ. އަދި، ރަސްމީ ޔުނީފޯމުގެ ތިރި (ފަޓްލޫން/ސްކާޓް/ސޯޓު) ހުންނަންވަނީ ކަޅު ނުވަތަ ނޭވީ ބްލޫގެ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައެއްގައި ކަމަށް އުސޫލުގައިވެއެވެ.
ސްކޫލުތަކުގައި ރަސްމީ ޔުނީފޯމާ އެކު ބޭނުންކުރާ ބުރުގާ ހުންނަން ވާނީ ނޭވީ ބްލޫ ނުވަތަ ރޯޔަލް ގްރީން ނުވަތަ ޑާކް ރެޑް ނުވަތަ ހުދު ކުލައިގައެެވެ.
ސަރުކާރު ސްކޫލްތަކުގެ ދަރިވަރުން 2027 އިން ފެށިގެން ބޭނުންކުރަންޖެހޭ އެކްޓްވިޓީ ޔުނީފޯމުތަކުގެ މަތި (ޓީޝާޓް) ހުންނަންވާނީ ނޫ ނުވަތަ ފެހި، ރަތް އަދި ސްކޫލްގެ ކުލަ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައެއްގައެވެ. އަދި، އެކްޓިވިޓީ ޔުނީފޯމުގެ ތިރި (ސޯޓު/ޓްރެކްސޫޓް/ސްކާޓް) ހުންނަންވާނީ ކަޅު ކުލައިގައެވެ.
އެކްޓިވިޓީ ޔުނީފޯމާ އެކު ތިރިއެއް ލާނަމަ ބޭނުންކުރާނީ ކަޅު ކުލައިގެ، ތިން އިންޗީގެ ފުޅާ މިނުގައި އާދައިގެ ރޫ ނަގާފައި ހުންނަ ސްކާޓެކެވެ. ކަކުލާ ހަމައަށް ހުންނަން ޖެހޭ އެ ސްކާޓުގައި އެއްވެސް ލޯގޯއެއް އެއްޗެއް ބޭނުމެއް ނުކުރެވޭނެ ކަމަށާއި ކީ ސްޓޭޖް އެކެއްގެ ދަރިވަރުން ފިޔަވާ ހުރިހާ އަންހެން ކުދިން ސްކާޓް ލާނަމަ ހަރުވާޅު ނުވަތަ ޓްރެކްސޫޓެއް ލާން ޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.
މިނިސްޓްރީން ބުނީ، ޔުނީފޯމުގެ ގަމީހުގެ ކުލަތައް ކަނޑައެޅުމުގައި ބަލާފައިވަނީ މިނިސްޓްރީގެ ކުލައާއި ގައުމީ ދިދައިގެ ކުލަތަކާ އެއްގޮތްވާގޮތަށް ކަމަށެވެ. އަދި ފަޓުލޫނު ގަދަ ކުލައެއްގައި ބެހެއްޓުމަށް ކަމަށެވެ. އެ ބަދަލާ އެކު، ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމާއެކު ބޭނުން ކުރާނީ އެއްވެސް ޑިޒައިނެތް ނެތް ކަޅު ކުލައިގެ ޓްރެކްސޫޓު ކަމަށް މިނިސްޓްރީން ބުންޏެވެ.






