2014 ވަނަ އަހަރު ވީނުވީއެއް ނޭނގި ގެއްލުނު މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދުމުގެ މަސައްކަތް މެރިޓައިމް ރޮބޮޓިކްސް ކުންފުނި އޯޝަން އިންފިނިޓީ އާއި ގުޅިގެން 55 ދުވަސް ވަންދެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް މެލޭޝިއާ ސަރުކާރުން އެ ކުންފުންޏާއި ޙަވާލުކުރީ ހުސްވި ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު، "ނޯ-ފައިންޑް، ނޯ-ފީ" އެއްބަސްވުމެއްގެ ދަށުންނެވެ. މާނަ އަކީ އޯޝަން އިންފިނިޓީއަށް ފައިސާ ލިބޭނީ (70 މިލިއަން އެމެރިކާ ޑޮލަރާ ހަމައަށް) އެ މަތިންދާބޯޓު ހޯދައިފި ނަމައެވެ.
މިހާތަނަށް އަންދާޒާތަކުން ދައްކާ ގޮތުގައި ކުރިން ކުރި ހުރިހާ ސަރޗް އޮޕަރޭޝަންތަކުގައި މެލޭޝިއާއިން ވަނީ ގާތްގަނޑަކަށް 155 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްފައެވެ. މިއީ މިހާތަނަށް ކުރެވުނު އެންމެ އަގުބޮޑު އެއް އޭވިއޭޝަން-ސަރޗް މަސައްކަތެވެ.
މިހާރު އޮތް އުއްމީދަކީ ޓެކްނޮލޮޖީ އެވެ.
މި ފްލައިޓް ގެއްލުނީ 8 މާރޗް 2014 ގައެވެ. ބޯޓުގައި 239 މީހުން (227 ފަސިންޖަރުންނާއި 12 ފަޅުވެރިން) ދަތުރުކުރިއެވެ. މިހާތަނަށް ކުރި މަސައްކަތުން އެ ފުލައިޓުން ގެއްލުނު އެއްވެސް މީހެއްގެ ހަށިގަނޑުވެސް ފެނިފައެއް ނުވެއެވެ. ނަމަވެސް ރިޔޫނިއަން އައިލެންޑުން ޖުލައި 2015 ގައި އެ ފުލައިޓުގެ ފިޔަގަނޑުން ބައެއް ފެނިގައު ވެއެވެ. ނަމަވެސް ބޯޓު ވެއްޓުނު ވަކި ތަނެއް ކަށަވަރުވެފައެއް ނުވެއެވެ.

މި މަތިންދާބޯޓު ހޯދުމަށް ދިހަ އަހަރަށް ވުރެ ގިނަ ދުވަހު އެކި ޤައުމުތައް ގުޅިގެން މަސައްކަތެއް ކުރިއެވެ. އޭގެ ތެރޭގައި 2014އިން 2017 އަށް 120،000 އަކަމީޓަރު ބަލައި ފާސްކުރިކަން ފާހަގަ ކުރެވެއެވެ.






