21 ޤައުމަކުން ގާތްގަނޑަކަށް 150 މަންދޫބުން ބައިވެރިވެ، ބްރިކްސްގެ ސިޔާސަތުތައް ކަނޑައެޅުމުގައި ރައްޔިތުންނަށް ބާރު ދިނުމަށް ބްރެޒިލް ގައި ސަމިޓެއް ބާއްވައިފިއެވެ. މިއީ މިފަދަ ސަމިޓެއް ބްރިކްސް އިން ބޭއްވި ފުރަތަމަ ފަހަރެވެ. ބްރިކްސް ގެ ސިޔާސަތުތައް ކަނޑައެޅުމުގައި ޤައުމުތަކުގެ ރައްޔިތުން ބައިވެރިކުރުމަށް ފުރަތަމަ ހުށަހެޅީ މިދިޔަ އަހަރު ރަޝިޔާގައި ބޭއްވި ސަމިޓުގައެވެ.
ބްރެޒިލްގައި ބޭއްވި ސަމިޓްގައި ވަކާލާތު ކުރި މަދަނީ ޖަމްޢިއްޔާތަކުގެ މަންދޫބުން ވަނީ އެމެރިކާ އިން ބްލެކްމެއިލް ކޮށްގެން އުޅޭ ދުނިޔޭގެ އިޤްތިޞާދު ބަދަލުކޮށް، އެމެރިކާ ޑޮލަރަށް ބަރޯސާވުން ކުޑަކުރުމާއި ގުޅޭ ގޮތުން މަޝްވަރާތައް ކޮށްފައެވެ. އެ ގޮތުން ސިނާޢީ ތަރައްޤީ އާއި އިޖުތިމާޢީ އަދި ތިމާވެށީގެ މަޝްރޫއު ތަކަށް ހުޅަނގުގެ އެއްވެސް ބޭންކަކުން ފައިސާ ނުހޯދުމަށާއި، ފައިސާ ހޯދުމަށް ނިއު ޑިވެލޮޕްމަންޓް ބޭންކް (އެންޑީބީ) ގެ ދައުރު ފުޅާކުރުމަށް މަޝްވަރާ ކުރިއެވެ. މިއީ 2015ގައި ހުޅުވި ބޭންކެކެވެ. ދުނިޔޭގެ ފަސްސަރަޙައްދުގައި އެންޑީބީ ބޭންކު ހުރެއެވެ. އެއީ ރަޝިޔާ އާއި ސައުތު އެފްރިކާ އަދި ބްރެޒިލްގެ އިތުރުން އިންޑިއާ އާއި ބަންގްލަދޭޝް އެވެ.
ބްރިކްސް އިން ބާރު އަޅަނީ އިތުރު ކަރަންސީ އެއް އުފެއްދުމުގެ ބަދަލުގައި، ޑޮލަރު ބޭނުން ނުކޮށް، ބްރިކްސްގެ ޤައުމުތަކުގެ ފައިސާއިން ވިޔަފާރި ކުރުމަށެވެ.
2006 ވަނަ އަހަރު އުފެއްދި ބްރިކްސް ވަނީ ވަރަށް ހަލުވިކަމާއެކު ފުޅާވެ، ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިޤްތިޞާދީ އަދި ސިޔާސީ އެއް ބްލޮކަކަށް ވެގެން ގޮސްފައެވެ.
ބްރިކްސް ގައި މި އަހަރުގެ ނިޔަލަށް 11 ފުލް މެމްބަރު ޤައުމު ހިމެނެއެވެ. އެއީ ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ، ދެކުނު އެފްރިކާ، ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، އީރާން، އިތިއޮޕިއާ އަދި އާޖެންޓީނާއެވެ.
މީގެ އިތުރުން އިންޑޮނޭޝިއާ، ތުރުކިޔޭ، ބަންގްލަދޭޝް، ކަޒަކިސްތާން، ނައިޖީރިއާ، ތައިލެންޑް، ވިއެޓްނާމް، ލަންކާ އަދިވެސް އިތުރު ޤައުމުތައް ހިމެނޭ ގޮތަށް 30 ވަރަކަށް ޕާޓްނަރު ޤައުމުތައް ވަނީ ބްރިކްސް އާއި ގުޅިފައެވެ. މި ޤައުމުތަކުން ފުރިހަމަ މެމްބަރުކަމުގެ ދަރަޖަ ނުލިބުނު ނަމަވެސް، ބްރިކްސްގެ ބައްދަލުވުންތަކާއި މަޝްވަރާތަކުގައި މި ޤައުމުތައް ބައިވެރިވެއެވެ.
ޕާޓްނަރު ޤައުމުތައް ހިމެނޭހެން މިހާރު ގާތްގަނޑަކަށް 35–40 ޤައުމު ވަނީ ބްރިކްސް އާއި ގުޅިފައެވެ.






