އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ރަޝިއާގައި ބޭއްވުނު ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމާއި ގުޅިގެން އެމެރިކާ ހިތްހަމަނުޖެހިއްޖެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. މި ކަމާ ގުޅިގެން ގުޓަރެސްގެ ޔުކްރޭން ދަތުރު ކެންސަލްވުމަށް މަގުފަހިވެފައިވާ ކަމަށް ބެލެވެއެވެ.
އެމެރިކާއިން ބްރިކްސް (ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ، އަދި ދެކުނު އެފްރިކާ) އާ މެދު ކަންބޮޑުވުންތަކެއް އުފެދިފައި ވަނީ އެ ޖަމާއަތަކީ ހުޅަނގުން އިސްވެ އޮވެ ގާއިމްވެފައިވާ ދުނިޔޭގެ ނިޒާމަށް ގޮންޖެހުމެއް ތަމްސީލުކުރާ ޖަމާއަތަކަށް ވާތީ އެވެ. އެމެރިކާ ބޭނުންވަނީ ނޭޓޯ ފުޅާކުރުމަށެވެ. އެންމެ ބާރުގަދަ ޤައުމެއްގެ ގޮތުގައި އެމެރިކާ ދެމިއޮތުމަށެވެ. ނަމަވެސް ބްރިކްސްގެ ގައުމުތަކުން މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ ވިޔަފާރިއާއި މާލިއްޔަތުގައި އެމެރިކާ ޑޮލަރުގެ ބާރު ކުޑަކުރުމަށެވެ. އެއް ބާރަށްވުރެ ގިނަ ބާރުތައް ދުނިޔޭގައި އޮތުމަށެވެ. ޗައިނާއާއި ރަޝިޔާ ފަދަ ބްރިކްސްގެ މުހިންމު މެމްބަރުން ގިނަ ފަހަރަށް ދުނިޔޭގެ މައްސަލަތަކުގައި އެމެރިކާގެ ސިޔާސަތުތަކާ ދެކޮޅު ސްޓޭންޑްތަކެއް ނަގަ އެވެ. މީގެ އިތުރުން މާލީ އިދާރާތައް އުފެއްދުމާއި މެމްބަރުކަން ފުޅާކުރުމަށް ބްލޮކުން ކުރާ މަސައްކަތުން ބްރިކްސް އަކީ އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތަކަށް މުހިންމު ޖިއޮޕޮލިޓިކަލް ކައުންޓަރބެލެންސަކަށް ވެދާނެ ކަމުގެ ބިރު އުފެދި، ކުރިއަރަމުން އަންނަ އިޤްތިޞާދު ތަކުގައި އެމެރިކާއަށް ކައިރި ނުވެވޭތީވެ ބްރިކްސް ދެކެ އެމެރިކާ އެހާ ގަޔާއެއް ނުވެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި، ޔުކްރޭންގެ ރައީސް ޒެލެންސްކީ ސެކްރެޓަރީ ޖެނެރަލަށް ޔުކްރޭނަށް ވަޑައިގަތުމުގެ ހުއްދަ ނުދެއްވީ އެމެރިކާއިން އެދިވަޑައިގަތުމުން ކަމަށް ގަބޫލުކުރެވެއެވެ. މިއީ ގުޓަރެސް ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމާ ގުޅިގެން އެމެރިކާއިން ފާޅުކުރި ނުރުހުމުގެ ނަތީޖާއެއް ކަމަށް ބެލެވެއެވެ.
ގުޓަރޭޒްގެ ދަތުރު ތާވަލުގައި ރަޝިއާއަށްފަހު އޮތީ ޔުކްރޭނެވެ. އޭނާ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ބައްދަލުކުރައްވައި ޔުކްރޭން ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. ބްރިކްސް ސަމިޓުގައި ގުޓަރެސް ވަނީ ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް އެދިވަޑައިގެންފައެވެ.
އެމެރިކާގެ ނުރުހުން އޮތް ނަމަވެސް، ގުޓަރޭޒް ވަނީ ރަޝިއާގެ ރައީސްއާ ބައްދަލުކުރައްވައި ޔުކްރޭންގެ މަޞްލަޙަތަށްޓަކައި ބަސްވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އަސްކަރީ ގޮތުން ޔުކްރޭނަށް އަރައިގަތުމަކީ ރަޝިއާ ހަދާފައި އޮތް ގޯހެއް ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލައި ޔުކްރޭންއާ ސުލްޙަވުމަށް ހަރަކާތްތައް ފެށުމަށް ސެކްރެޓަރީ ޖެނެރަލް އެދިވަޑައިގެންނެވިއެވެ.






