ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެގައުމުތަކުގެ މެދުގައި މުވާސަލާތާއި އެއްބާރުލުން އިތުރުކޮށް، ކޯޅުންތައް ހައްލުކުރުމަށް އެއްބަސްވެފަ އެވެ.
އިނގިރޭސި ނޫސް އެޖެންސީ ރޮއިޓާސް އިން ބުނި ގޮތުގައި ރަޝިޔާގައި ބާއްވާ ބްރިކްސް ސަމިޓްގެ އެއްފަރާތުގައި ދެ ލީޑަރުން ބައްދަލުކުރެއްވީ ފަސް އަހަރު ފަހުން ފުރަތަމަ ފަހަރަށް ރަސްމީކޮށް މަޝްވަރާ ކުރެއްވުމަށެވެ.
މިއީ މައްސަލަ ޖެހިފައިވާ ހިމާލަޔާގެ ބޯޑަރާއި ގުޅިގެން ހިނގި ހަމަނުޖެހުމަކަށްފަހު ދެބާރުގެ ގުޅުން ރަނގަޅުވާން ފަށާފައިވާ ކަމުގެ ނިޝާނެކެވެ.
ދުނިޔޭގެ އިޤްތިޞާދީ ބޮޑު ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޗައިނާއާ ދެމެދު އަސްކަރީ އަދި ޑިޕްލޮމެޓިކް ފިތުނަތަކާ އެކު ވެސް ވިޔަފާރީގެ ގުޅުން ބަދަހިވެ އެވެ.
މި އެއްބަސްވުމުގެ ސަބަބުން އިންޑިއާގައި ޗައިނާގެ އިންވެސްޓްމަންޓަށް ކުރިއެރުން ލިބޭނެ ކަމަށް ބެލެވެ އެވެ.
އިންޑިއާއިން ބުނެފައިވަނީ ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ދެ ލީޑަރުން އެބޭފުޅުންގެ އޮފިޝަލުންނަށް އަންގަވާފައިވާ ކަމަށެވެ.
ނިއުދިއްލީން ބަޔާނެއް ނެރެފައިވަނީ ރަޝިޔާގެ ކާޒާންގައި ޝީ ޖިންޕިން އާއި ނަރެންދުރަ މޯދީ ބައްދަލުވުމުގެ ދެ ދުވަސް ކުރިންނެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ހިމާލަޔާ ސަރަޙައްދުގެ ލަދާކްގައި "ހަތަރު އަހަރުގެ އަސްކަރީ ސްޓޭންޑްއޮފް ނިމުމަކަށް ގެނައުމަށް" ބެއިޖިންއާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި ނަމަވެސް އެއްބަސްވުމުގެ ތަފްޞީލުތައް ދެ ފަރާތުން ހިއްސާކޮށްފައި ނުވާ ކަމަށެވެ.
ޗައިނާގެ ރަސްމީ ބްރޯޑްކާސްޓާ ސީސީޓީވީން ބުނާ ގޮތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވިދާޅުވީ ދެ ފަރާތުން ވެސް މުވާޞަލާތާއި އެއްބާރުލުން ހަރުދަނާކޮށް، ކޯޅުންތަކާއި ޚިޔާލުތަފާތުވުންތައް ހައްލުކޮށް، އެކަކު އަނެކެއްގެ ތަރައްޤީ ކުރިއެރުވުމަށް ހުވަފެންތައް ފުރިހަމަވާން ޖެހޭ ކަމަށެވެ.'
ރަސްމީ އިދާރާއިން ބުނި ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ހުށަހެޅުއްވީ ދެޤައުމުގެ ގުޅުން ރަނގަޅުކޮށް ތަރައްޤީ ކުރުމަށް ހުށަހެޅުއްވި ކަންކަމަށް ޗައިނާގެ ރައީސް އުސޫލީ ގޮތުން އެއްބަސްވެވަޑައިގެންނެވި އެވެ.
އަސްކަރީ އަދި ޑިޕްލޮމެޓިކް ޓެންޝަންތަކާ އެކު ވެސް އިންޑިއާ އާއި ޗައިނާގެ ވިޔަފާރީގެ ގުޅުން ވަރުގަދަ (ފޮޓޯ: އޭޕީ)
ނަރެންދުރަ މޯދީ ޝީ ޖިންޕިން އަށް ވިދާޅުވީ ޞުލްޙައާއި ހަމަޖެހުމާއި ދެފަރާތުގެ އިތުބާރާއި އިޙްތިރާމަކީ ގުޅުންތަކަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އިންޑިއާގެ ސްޓޭޓް ބްރޯޑްކާސްޓަރު ދުރުދަރުޝަންގައި ދެއްކި ބަޔާންތަކުގައި ނަރެންދުރަ މޯދީ ޝީ ޖިންޕިން އަށް ވިދާޅުވީ 'މިދިޔަ ހަތަރު އަހަރު ތެރޭގައި ކުރިމަތިވި މައްސަލަތަކާ ގުޅޭ އެއްބަސްވުމަށް މަރުޙަބާ ކިޔާ ކަމަށެވެ. ބޯޑަރުގައި ޞުލްޙައާއި ހަމަޖެހުން ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ އިސްކަމެއް ދޭންޖެހޭ ކަމެއް.'
އޭނާ އިތުރަށް ވިދާޅުވީ 'އެއްބަޔަކު އަނެއްބަޔަކަށް އިތުބާރާއި އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމް ކުރުމާއި އެއްބަޔަކު އަނެއްބަޔަކަށް އަޅާލުމަކީ އަޅުގަނޑުމެންގެ ގުޅުންތަކުގެ އަސާސަކަށް ވާންޖެހޭނެ' ކަމަށެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ 2020 ވަނަ އަހަރުގެ މެއި މަހު ގަލްވާން ވާދީގައި އިންޑިއާ އާއި ޗައިނާ ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި އިންޑިއާ ސިފައިންގެ 20 މީހަކާއި ޗައިނާގެ ހަތަރު ސިފައިން މަރުވެފައިވާ ކަމެވެ.
ފާއިތުވި ހަތަރު އަހަރު ތެރޭގައި ދެޤައުމުން ވަނީ ބޯޑަރުގައި އެތައް ހާސް ސިފައިންނެއް ޙަރަކާތްތެރިވެފަ އެވެ.
2020 ވަނަ އަހަރުގެ މެއި މަހު ގަލްވާން ވެލީގައި ހިނގި ހަމަނުޖެހުމެއްގައި އިންޑިއާ ސިފައިންގެ 20 މީހުންނާއި ޗައިނާގެ ހަތަރު ސިފައިން ވަނީ މަރުވެފަ އެވެ (ފޮޓޯ: އޭއެފްޕީ).
އޭގެ ފަހުން ދެޤައުމުގެ ރަސްމީ މަޝްވަރާއެއް ދެ ލީޑަރުން ބާއްވާފައެއް ނުވެއެވެ. އެމީހުންގެ އެންމެ ފަހުގެ ބައިލެޓަރަލް ސަމިޓް އޮތީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާގެ ދެކުނުގެ ޓައުން މާމައްލަޕޫރަމްގައެވެ.
2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބާލީގައި ބޭއްވި ޖީ20 ސަމިޓުގެ އެއްފަރާތުގައި ނަރެންދުރަ މޯދީ އާއި ޝީ ޖިންޕިންގް ވަނީ ކުރު މަޝްވަރާއެއް ބާއްވާފަ އެވެ. އެމީހުން އަނެއްކާވެސް ވާހަކަ ދެއްކީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ޖޯހަންސްބާގްގައި ބޭއްވި ބްރިކްސް ސަމިޓްގައެވެ. ނަމަވެސް މިއިން އެއްވެސް މަޝްވަރާއަކީ ރަސްމީ މަޝްވަރާއެއް ނޫނެވެ. އަދި ކަމަކަށް އެއްބަހެއް ވެސް ނުވެއެވެ.
ނިއުދިއްލީން އިންތިޒާމްކުރި ޖީ20 ސަމިޓުގައި ޝީ ބައިވެރިވެވަޑައިނުގަންނަވާއިރު، މިއީ ގުޅުންތަކަށް ލިބުނު އިތުރު ގެއްލުމެއްގެ ގޮތުގައި ދެކޭ ކަމެކެވެ.
ފާއިތުވި މަސްތަކުގައި ޑިޕްލޮމެޓިކް މަސައްކަތްތަކަށް ބާރުގަދަވެފައިވަނީ ޖުލައި މަހު ދެޤައުމުގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވައި ބޯޑަރުގެ ފިތުނަތައް ކުޑަކުރުމަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެއްބަސްވުމުންނެވެ.
އެހެންކަމުން މިފަހަރު ޕޫޓިންގެ ޚިޔާލާއި އިރުޝާދާއެކު ޗައިނާ އާއި އިންޑިއާއިން ވެފައިވާ 'ވެލްކަމް އެގްރީމަންޓް'ގައި އިންޑިއާ އާއި ޗައިނާ އެއްބަސްވަނީ ޚިޔާލުތަފާތުވުންތައް ހައްލުކޮށް ގުޅުން ކުރިއެރުވުމަށެވެ.