ރާއްޖޭން ފޯރުކޮށްދިން އެހީއަށް ލަންކާ ރައީސްގެ ޝުކުރު!

މުހައްމަދު ޖަމްޝަތު | 2 ދުވަސް ކުރިން - 3 ޑިސެންބަރު 2025 22:32
ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު---ފޮޓޯ:ރައީސް އޮފީސް
ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު---ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

ރާއްޖޭގެ ސަރުކާރުންނާއި މުައައްސަސާތަކާއި އާއްމުންގެ އިތުރުން ވިޔަފާރިވެރިންވެސް ވަނީ ލަންކާއަށް އެހީ ފޯރުކޮށްދިނުމުގައި ބައިވެރިވެފަ

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ރާއްޖޭން އެގައުމަށް ފޯރުކޮށްދިން އެހީތެރިކަމަށް ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ޝުކުރު ދަންނަވައިފި އެވެ.

މިދިޔަ ހަފުތާގައި ލަންކާއަށް އެރި ތޫފާން ދިތުވާގެ ސަބަބުން އެ ގައުމުގައި ފެންބޮޑުވެ، ކުރިމަތިވި ނުރައްކާތެރި ހާދިސާތަކުގައި މިހާތަނަށް 465 މީހުން މަރުވެ، 366 މީހުން ވަނީ ގެއްލިފައެވެ.

ރާއްޖެއާ އެންމެ އަވަށްޓެރި ލަންކާއަކީ ދިވެހީން ގިނަ އަދަދަކަށް ދިރިއުޅޭ އަދި އެކި ބޭނުންތަކުގައި އާންމުކޮށް ގޮސް އުޅޭ ގައުމެއް ކަމަށްވާއިރު، ލަންކާގެ ގިނަ އަދަދެއްގެ ރައްޔިތުން ރާއްޖޭގައި މަސައްކަތް ވެސް ކުރެއެވެ. ލަންކާ އެހީއަށް ބޭނުންވި ވަގުތު ރާއްޖެއިން ވަނީ ވަގުތުން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން ދިވެހި މީޑިއާތަށް ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯން އިން 8 ލައްކައަށްވުރެ ގިނަ ޑޮލަރު ހޯދިއިރު ދިވެހި ވިޔަފާރިވެރިންނާއި ގިނައަދަދެއްގެ މުއައްސަސާތަކުގެ އިތުރުން އާންމު ރައްޔިތުންވެސް ވަނީ އެކިވަރުގެ މާލީ އެހީތެރިކަން ދީފައެވެ.

މީގެ އިތުރުން ރާއްޖޭގެ ސަރުކާރުން ވަނީ 50،000 ޑޮލަރާއި 25،000 މަސް ދަޅު ކޭސް ލަންކާއަށް ހަދިޔާކޮށްފައެވެ. މި ފައިސާ ލަންކާ ސަރުކާރާ ހަވާލުކޮށްފައިވާއިރު މަސްދަޅުކޭސްތައް މޯލްޑިވްސް ޝިޕިންލައިންގެ ބޯޓެއްގައި މިއަދު މެންދުރު ލަންކާއަށްވަނީ ގެންގޮސްފައެވެ.

ދިވެހިންގެ މި އެހީތެރިކަން ފާހަގަކޮށް ލަންކާގެ ރައީސް ޑިސަނަޔަކަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ގައުމަށް ދިމާވި ހިތްދަތި ހާލަތުގައި، ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ބެހެއްޓެވި އޯގާތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ދިވެހީން ފޯރުކޮށްދިން ދީލަތި އެހީތެރިކަން ފާހަގަކުރައްވައި ވިދާޅުވީ އެކަމުން ދައްކުވައިދެނީ ރާއްޖެއާއި ލަންކާއާ ދެމެދުގައި ޒާމާނުންސުރެ ގާއިމު ވެފައިވާ ގާތް ގުޅުޅުމުގެ ވަރުގަދަކަންކަމަށް ރައީސް ޑިސަނަޔަކަ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުގެ ފަރާތުން ފެނުނު މި އެއްބައިވަންތަކަމަކީ އަޅުގަނޑުމެންގެ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދިން ކަމެއް. އަދި މިކަމުން ދައްކައިދެނީ ދެ ގައުމުގެ ދެމެދުގައި ގާއިމުވެފައިވާ ޒަމާންވީ ގުޅުމުގެ ވަރުގަދަކަން.

ފެންބޮޑުވުމާ ގުޅިގެން ސްރީ ލަންކާގައި 1.1 މިލިޔަން މީހުން ވަނީ ހާލުގައި ޖެހިފައެވެ. އޭގެ ތެރޭގައި 309,607 އާއިލާއަކަށް ނިސްބަތްވާ މީހުން ހިމެނޭއިރު، 180,000 އަށްވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައެވެ.




TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%