15 ބިލެއްގެ މަސައްކަތް ނިންމާ ފާސް ކުރުމަށް ފަހު މަޖިލިސް ޗުއްޓީއަށް

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 42 ދުވަސް ކުރިން - 3 ޑިސެންބަރު 2025 14:26
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. މަޖިލީހުގެ މި ދައުރުގައި 15 ބިލެއްގެ މަސައްކަތް ނިންމާ ފާސްކޮށްފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. މަޖިލީހުގެ މި ދައުރުގައި 15 ބިލެއްގެ މަސައްކަތް ނިންމާ ފާސްކޮށްފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ނިންމާލާފައިވާއިރު މަޖިލީހުގެ ހަތަރުވަނަ ދައުރުގެ ޖަލްސާތައް ފަށާނެ ވަކި ތާރީހެއް ހާމަކޮށްފައެއް ނުވޭ

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ތިންވަނަ ދައުރުގެ މަސައްކަތްތައް ނިމި، މެމްބަރުން ޗުއްޓީއަށް ވަޑައިގެންފި އެވެ.

މަޖިލީހުގެ ރައީސް އަދި ފުނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މި ދައުރުގައި 28 ޖަލްސާ ބޭއްވިފައިވާ ކަމަށާއި އަދި މެންބަރުން ޖަލްސާތަކުގައި 64 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މަޖިލީހުގެ ކޮމިޓީތަކުގެ 142 ބައްދަލުވުން ބޭއްވިފައިވާ ކަމަށާއި، އެ ބައްދަލުވުންތަކުގައި މަޖިލިސް މެމްބަރުން 120 ގަޑިއިރު ހޭދަކުރައްވާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ މި ދައުރުގައި 15 ބިލެއްގެ މަސައްކަތް ނިންމާ ފާސްކޮށްފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭގެ ތެރޭގައި ސްޕެޝަލް އިކްނޮމިން ޒޯން ގާނޫނަށް ގެނެވުނު އިސްލާހާއި، ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ގެނެވުނު އިސްލާހާއި، އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހު ހިމެނޭކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މި ދައުރުގެ މަޖިލީހުގެ ޖަލްސާތަކުގައި މަޖިލިސް މެމްބަރުން ޖުމުލަ 29 ސުވާލެއް މިނިސްޓަރުންނާ ކުރެއްވި ކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.

އަދި ހަމައެހެންމެ ސްކޫލްތަކާއި ކޮލެޖް ޔުނިވާސިޓީތަކުގެ ފަރާތުން 3،238 ދަރިވަރުންނާއި 179 މުދައްރިސުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޒިޔާރަތްކޮށްފައިވާކަން އަބްދުއްރަހީމް ވަނީ ފާހަގަކުރައްވައިފަ އެވެ. އަބްދުއްރަހީމް ވަނީ މަޖިލީހުގެ މެމްބަރުން ކުރައްވާ ބުރަ މަސައްކަތާއި އެ މެމްބަރުން ދެއްވި އަހައްމިއްޔަތު ކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ ޖަލްސާތައް ފަށާނެ ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%