ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރަކަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރަކަށް މަހްލޫފް އައްޔަންކުރަން ރައީސް ޑރ. މުއިއްޒު މަޖިލީހަށް ފޮނުއްވީ ނިމިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރަކަށް މަހްލޫފް އައްޔަންކުރަން ރުހުން ދޭން ނިންމި ވޯޓުގައި ބައިވެރިވެ ވަޑައިގަތް 60 މެމްބަރަކު ވަނީ މަހުލޫފް އެ މަގާމަށް އައްޔަންކުރުމަށް ފެންނަ ކަމަށް ވޯޓު ދީފަ އެވެ.
ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރަކަށް މަހްލޫފް އައްޔަންކުރުމަށް މަޖިލީހުން މިއަދު ރުހުންދީފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ސޯބިރު މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިޔާވުމާއި ގުޅިގެންނެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ޔޫތް މިނިސްޓަރުކަން ކުރެއްވި މަހުލޫފް އެ ޕާޓީން ވަކިވެ ވަޑައިގެން، ވެރިކަން ކުރާ ޕީއެންސީއަށް ސޮއިކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގަ އެވެ. މިނިސްޓަރަކަށް ވެވަޑައިގަތުމުގެ ކުރިން އޭނާއަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.






