ވަކި އުސޫލެއްގެ ތެރެއިން މިޔަރުމަސް ޕްރޮސެސް ކުރުމަށް ސަރުކާރުން ހުއްދަ ދީފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިޔަރުގެ ބާވަތް ޕްރޮސެސްކުރުމަށް ހުއްދަދޭން ފަށައިފައިވީނަމަވެސް މިއީ ދިވެހި ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން ހުޅުވާލުން ނޫންކަމަށާއި އަދި އެފަދަ ވިސްނުމުގައި އަޅާފިޔަވަޅެއް ވެސް ނޫނެވެ.
އެގޮތުން ދިން ހުއްދައަކީ، ލޭނު އެޅުމަށްފަހު އެ ނަގާއިރު ލޭނުގައި މަރުވެފައިވާ މިޔަރެއް އޮތްނަމަ އެއިން ޕްރޮސެސް ކުރުމުގެ ހުއްދައެވެ. އެހެންކަމުން، މި ޕްރޮސެސްކުރުމަށް ޚާއްޞަ ލައިސަންސެއް ދޫކުރެވޭނެ ކަމަށާއި ޕްރޮސެސްކުރާ ފަރާތްތަކުން މިޔަރު ހިފާ މިންވަރާއި ބާވަތްތަކުގެ ތަފްސީލު މިނިސްޓްރީއަށް ހުށަހެޅުމަށް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.
މި ހުއްދައިގެ ދަށުން ރާއްޖޭގެ ކަނޑުތަކުން ހިފޭ މިޔަރުގެ ބާވަތްތައް ޕްރޮސެސްކޮށް، އެކްސްޕޯޓްކުރުމުގެ ފުރުސަތު ލިބޭއިރު، މިނިސްޓްރީން ވަނީ ލޯންގްލައިން މަސްވެރިކަން ކުރުމުގައި، މިޔަރު ހިފުމުގައި ތިމާވެށްޓަށް ގެއްލުން ނުވާނެ ގޮތަށް އަމަލުކުރުމަށް އިރުޝާދު ދީފައެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ،ލޭނު މަސްވެރިކަމުގައި މިޔަރަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ. އަދި ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭން ނަގާއިރު މަރުނުވެ އޮންނަ މިޔަރު ވީހަވެސްއަވަހަކަށް ދޫކޮށްލަންވާނެ ކަމަށާއި މިގޮތަށް މިޔަރު ދޫކޮށްލާއިރު މިޔަރަށް ލިބޭ އަނިޔާ ކުޑަކުރުމަށްޓަކައި، ހާއްސަ އާލާތްތައް ބޭނުންކުރުމަށް އިލްތިމާސްކޮށްފައިއެވެ.
މީގެއިތުރުން، ލޭނުން ނަގާއިރު މަރުވެފައިވާ މިޔަރު ބަނދަރަށް ގެންނައިރު އޭގެ އުރަހަ ހަށިގަނޑުން ވަކިކޮށްގެން ނުވާނެ ކަމަށްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މިގަވާއިދުގެ ދަށުން، ލޭނުގައި މަރުވެފައިވާ މިޔަރު ޕްރޮސެސްކުރުމަށް ޚާއްޞަ ލައިސަންސެއް ދޫކުރެވޭނެކަމަށާއި ޕްރޮސެސްކުރާ ފަރާތްތަކުން މިޔަރު ހިފާ މިންވަރާއި ބާވަތްތަކުގެ ތަފްސީލު މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މި ގަވާއިދަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ރިޢާޔަތްކޮށް ހަދައިފައިވާ ގަވާއިދެއްކަންވެސް މިނިސްޓްރީއިން ވަނީ ބަޔާންކޮށްފައިއެވެ.
މި ނިންމުމާ ގުޅިގެން އާމިންގެ ހިޔާލު ހޯދުމަށް މިނިސްޓްރީން ވަނީ ހުޅުވައިލައިފައެވެ. އެގޮތުން ހިޔާލު ހުށަހެޅުމުގެ ސުންގަޑި އަކީ 18 އޮގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ 12:00އެވެ






