އެމެރިކާގެ އިސް މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޯފް ހިމެނޭހެން މަތީ ފެންވަރުގެ ވަފްދެއް މޮސްކޯ އަށް ވަޑައިގެން ޔޫކްރޭން ހަނގުރާމަ ނިންމާލުމަށް ގާތްގަނޑަކަށް ފަސްގަޑިއިރު ވަންދެން ކްރެމްލިންގައި އިއްޔެ ބޭއްވި މަޝްވަރާތައް ނާކާމިޔާބު ވެއްޖެއެވެ.
ރަޝިޔާގެ އޮފިޝަލުން ބުނީ އިއްޔެ ބޭއްވީ "ބިނާކުރުވަނިވި" މަޝްވަރާތަކެއް ކަމަށެވެ. ނަމަވެސް، މައިގަނޑު މައްސަލަ ކަމަށްވާ ދޮންބާސް ސަރަޙައްދު ފަދަ ތަންތަނުގައި ތިބި ރަޝިޔާގެ ލަޝްކަރުތައް ފަހަތަށް ޖެއްސުމަށް އެއްބަސް ނުވާ ކަމަށެވެ.
ޔުކްރޭނު ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާ އިން ފުރަތަމަ އެކުލަވައިލި ޑްރާފްޓުގައި 28 ނުކުތާ ހިމެނެއެވެ. ނަމަވެސް ޔުކްރޭނާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ދެމެދު މަޝްވަރާ ކުރުމަށްފަހު އޭގެތެރެއިން ބައެއް ޕޮއިންޓުތައް އުނި ކުރުމަށް ފަހު އަދި ބައެއް ނުކުތާތައް ވަނީ ބަދަލު ކޮށްފައެވެ.
ކްރެމްލިންގެ ތަރުޖަމާނު ޔޫރީ އުޝަކޯވް ވިދާޅުވި ގޮތުގައި، އެމެރިކާގެ ހުށަހެޅުންތަކުގައި ޤަބޫލު ކުރެވޭ ކަންތައްތަކެއް ހުއްޓަސް، އެއްގޮތަކަށް ވެސް ރަޝިޔާއިން ބަލައިނުގަންނާނެ ކަންތަކެއް އެބަހުއްޓެވެ. އޭނާ އިޝާރާތް ކުރެއްވީ އީޔޫ އިން ޔުކްރޭނާއި މަޝްވަރާ ކުރުމަށްފަހު ޑްރާފްޓަށް ގެނެސްފައިވާ ބަދަލުތަކެވެ. އިއްޔެގެ ބައްދަލުވުން ކޮޅެއްގައި ނުޖެހުނު އަސްލު ސަބަބަކީ މިއެވެ.
އުޝާކޯވް ވިދާޅުވީ ފައިނަލް އެއްބަސްވުމެއް ހަދަން ފެށުމުގެ ކުރިން ވޮޝިންޓަން އާއި މޮސްކޯގައި ވެސް އިތުރު މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަމަށެވެ.






