ދިވެހި ސަރުކާރުން ހަދިޔާކުރި 50،000 ޑޮލަރު ލަންކާ ސަރުކާރާއި ހަވާލުކޮށްފި

މުހައްމަދު ޖަމްޝަތު | 2 ދުވަސް ކުރިން - 2 ޑިސެންބަރު 2025 23:06
ދިވެހި ސަރުކާރުން ހަދިޔާކުރި ފައިސާ ލަންކާ ސަރުކާރާއި ހަވާލުކުރުން---
ދިވެހި ސަރުކާރުން ހަދިޔާކުރި ފައިސާ ލަންކާ ސަރުކާރާއި ހަވާލުކުރުން---
ޚުލާސާ

ދިވެހި ސަރުކާރުން ހަދިޔާކުރި 25،000 މަސްދަޅުކޭސް ލަންކާއަށް ގެންދިއުނަށް އެމްއެސްއެސް ގަލީނާ މިރޭ ފުރާނެ ކަމަށް އެސްޓީއޯއިން ވަނީ ހާމަކޮށްފަ

ލަންކާ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ސަރުކާރުން އެހީގެ ގޮތުގައި ދިނުމަށް ކަނޑައެޅި 50،000 ޑޮލަރު އެ ގައުމުގެ ސަރުކާރާއި މިއަދު ހަވާލުކޮށްފިއެވެ.

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އެހީވުމުގެ ގޮތުން 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ހަދިޔާކުރަން ނިންމައި ދިވެހި ސަރުކާރުން ހާމަކުރީ މިދިޔަ ހޮނިހިރުދުވަހުއެވެ.

މީގެ ތެރެއިން 50،000 ޑޮލަރުގެ ފައިސާގެ އެހީ މިއަދު ވަނީ ސްރީލަންކާ ސަރުކާރާއި ހަވާލުކޮށްފައެވެ. ރާއްޖެއިން ހަދިޔާކުރި ފައިސާގެ އެހީ ލަންކާ ސަރުކާރާއި ހަވާލުކޮށްދެއްވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަސްއޫދު އިމާދުއެވެ. ލަންކާ ސަރުކާރުގެ ފަރާތުން މިއެހީއާ ހަވާލުވެވަޑައިގަތީ އެގައުމުގެ ހާރިޖީ ވަޒީރު ވިޖިތާ ހެރަތުއެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުން ލަންކާއަށް ހަދިޔާކުރި 25،000 މަސްދަޅުކޭސް އެގައުމަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ޝިޕިން ލައިންގެ ބޯޓު އެމްއެސްއެސް ގަލީނާ މިރޭ ފުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ބޯޓުގައި ރާއްޖެއިން ހަދިޔާކުރި މަސްދަޅުކޭސް ބަންދުކޮށްފައިހުރި 14 ކޮންޓެއިނަރު ލަންކާއަށް ގެންދާނެ އެވެ.

ތޫފާން ޑިޓްވާގެ ސަބަބުން ލަންކާގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލި، އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. ލަންކާއަށް އެހީތެރިވުމުގެ ގޮތުން ޕީއެސްއެމްއިން އިސްނަގައިގެން ވަނީ ހާއްސަ ޓެލެތޯންއެެއްވެސް ބާއްވާފައެވެ. އެ ޓެލެތޯން އަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ރާއްޖޭގެ ފޮރިން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފައިވާއިރު އެ ފައިސާވެސް މިރޭ ލަންކާ ސަރުކާރާ ހަވާލުކުރުމަށް ވަނީ ނިންމާފައެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%