ލަންކާ އަށް އެހީވުމަށް ބޭއްވި ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފި

މުހައްމަދު ޖަމްޝަތު | 3 ދުވަސް ކުރިން - 2 ޑިސެންބަރު 2025 17:49
"ސިލޯނާއެކު ދިވެހިން" ޓެލެތޯންގެ ފައިސާ ފޮރިން މިނިސްޓްރީއާ ހަވާލުކުރުން---ފޮޓޯ:ޕީއެސްއެމް
"ސިލޯނާއެކު ދިވެހިން" ޓެލެތޯންގެ ފައިސާ ފޮރިން މިނިސްޓްރީއާ ހަވާލުކުރުން---ފޮޓޯ:ޕީއެސްއެމް
ޚުލާސާ

ޓެލެތޯންގެ ފައިސާ މިއަދު ލަންކާއަށް ފޮނުވަން ވަނީ ނިންމާފައި

"ސިލޯނާއެކު ދިވެހިން" ނަމުގައި ދައުލަތުގެ މީޑިއާ އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޓެލެތޯން އަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ރާއްޖޭގެ ފޮރިން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

ރާއްޖޭގެ 37 މީޑިއާއެއް ގުޅިގެން ބޭއްވި މި ޓެލެތޯން ފެށީ ނޮވެންބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރުއެވެ. ޓެލެތޯން ނިންމާލީ މިއަދު މެންދުރުފަހު 14:00ގައެވެ. މި ޓެލެތޯނަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި އެހީ ފޮރިން މިނިސްޓްރީއާ ހަވާލުކުރީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީނެވެ. ފައިސާއާ ހާރިޖީ ވުޒާރާގެ ފަރާތުން ހަވާލުވެވަޑައިގަތީ ވަޒީރު ޑރ. އަބްދުﷲ ހަލީލެވެ. މި ޓެލެތޯނަށް ޖުމުލަ 800،352 ޑޮލަރު ލިބިފައިވެއެވެ.

ޓެލެތޯނަށް ހާއްސަ އެކައުންޓެއް ބީއެމްއެލްއިން ހަމަޖައްސައިދިންއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓާފައިވެއެވެ. އަދި މިކަން ކުރިއަށްގެންދިޔައީ މިނިވަން އޮޑިޓް ފާމެއްކަމުގައިވާ ކްރޯ މޯލްޑިވްސް ބެލުމުގެ ދަށުން ދެފުށް ފެންނަގޮތަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެގޮތަށެވެ. ޓެލެތޯންއަށް ލިބުނު ފައިސާ ގުނުމުގެ މަސައްކަތް ކުރީ ބީއެމްއެލްއާއި ކްރޯ މޯލްޑިވްސް ގުޅިގެންނެވެ.

ސިލޯނާއެކު ދިވެހިން ޓެލެތޯނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކުރީ ދިވެހި ފުލުހުންގެ ފަރާތުންނެވެ. ފުލުހުން ވަނީ 2.4 މިލިޔަން ރުފިޔާ ހަދިޔާކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާގެ އެހީއެއް ދިނީ ދިވެހި ސިފައިންގެ ފަރާތުންނެވެ. ސިފައިންގެ ފަރާތުން 1 މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުން ވެސް ރާއްޖޭގެ އެކިއެކި ކުންފުނިތަކާއި މިނިސްޓްރީތަކުން ވަނީ ބޮޑެތި އަދަދުތަކުން ޓެލެތޯނަށް ފައިސާގެ އެހީ ހަދިޔާ ކޮށްފަ އެވެ..

ޓެލެތޯނުގެ އިތުރުން ވެސް ރާއްޖޭގެ ސަރުކާރުން ވަނީ ހޮނިހިރު ދުވަހު ލަންކާ އަށް އެހީތެރިވުމުގެ ގޮތުން 50،000 ޔޫއެސް ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާކުރަން ނިންމާފަ އެވެ. މީގެ އިތުރުން ސަން ސިޔާމް ގްރޫޕުގެ ފަރާތުން 200،000 ޑޮލަރު ލަންކާ އަށް ހަދިޔާ ކުރަން ވަނީ ނިންމާފަ އެވެ.

2014 ވަނަ އަހަރު ރާއްޖެއަށް ދިމާވި ފެނުގެ ކާރިސާ އާއި ގުޅިގެން ރާއްޖެއަށް އެހީ ފޯރުކޮށްދިން އެންމެ ފުރަތަމަ އެއް ގައުމަކީ ސްރީލަންކާ އެވެ. އަދި 2016 ވަނަ އަހަރު ލަންކާ އަށް ދިމާވި ތޫފާނުގައި ލަންކާ އަށް އެންމެ ފުރަތަމަ އެހީގެ އަތެއް ދިއްކޮށްލި އެއް ގައުމަކީ ދިވެހިރާއްޖެ އެވެ. މިފަދަ ހިތާމަވެރި ހާދިސާތަކުގައި ދެ ގައުމަކީ ވެސް އެއްގައުމު އަނެއް ގައުމަށް ދީލަތި އެހީ އަބަދުވެސް ފޯރުކޮށްދޭ ދެ ގައުމެވެ. މިފަހަރު މި ދިމާވި ހިތާމަވެރި ހާދިސާގައި ވެސް ލަންކާ އަށް އެންމެ ފުރަތަމަ އެހީ ދޭން ނިންމި ގައުމަކީ ރާއްޖެ އެވެ. އެކަމަށްޓަކައި ލަންކާ އިން ދަނީ ރާއްޖެ އަށް ޝުކުރު އަދާކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%