މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރެއިން އެއް ޑެރެޖަރު ކަމަށްވާ ލަކްސަމްބާގުގެ "ކްރިސްޓޯބަލް ކޮލޯން" ނަމަށް ކިޔާ ޑްރެޖަރު ރާއްޖެ އައިސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.
ބެލްޖިއަމްގެ "ޔާން ޑި ނަލް ގްރޫޕް" ނަމަކަށް ކިޔާ ކުންފުނީގެ މި ޑްރެޖަރު ރާއްޖެ އައިސް ރަސްމާލެ ސަރަހައްދަށް ބަނދަރު ކޮށްފައިވަނީ އާދީއްތަ ދުވަހު އެވެ. އަދި ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށުމުގެ ގޮތުން ވެލި ނަގަން ފަށާފައިވަނީ ހޯމަ ދުވަހުގެ ފަތިހު 05:00 ގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ. އަދި ވެލި ނެގުމަށްފަހު ހޯމަ ދުވަހުގެ ހެނދުނު 11:41 ގައި ރަސްމާޅެ ހިއްކުމަށް ވެލި އަޅަން ފަށާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރަސްމާލެ ހިއްކައި އެތަނުން ބޯހިޔާވަހިކަން ދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު އެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު ވައުދެވެ.
ރަސްމާލެ ހިއްކުމުގެ ދުވެލި ތިން ގުނަ ކުރެއްވުމުގެ ގޮތުން މި ހަފްތާގައި ބޮޑު ޑްރެޖަރެއް ރާއްޖެ އަންނާނެ ކަމުގެ އުފާވެރި ހަބަރު ރައީސް ދެއްވީ ނިމިދިޔަ ހަފްތާގައި މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތަށް ޑްރެޖަރު އައިސް ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް މިވަނީ ތިން ގުނަ ކޮށްފަ އެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ، ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުކުރުމުގެ ގޮތުން ރަސްމާލޭގައި ކުރިއަށް އޮތް ފަސް މަސްދުވަހުން ހިއްކޭ ބިމުން 15،000 ގޯތި ދިނުމަށް ހުޅުވާލާނެ ކަމަށެވެ. އޭގެ އަދި މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރަސްމާލެ އިން މުޅި ޖުމްލަ ދޫކުރުމަށް ހަމަޖެހިފައިވަނީ 25،000 ގޯތި ކަމަށެވެ.
ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން 10،000 ގޯތި ހާއްސަކުރަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި 3،000 ގޯތި މާލޭގައި ދިރިއުޅޭތާ 15 އަހަރަށްވުރެ ގިނަ ދުވަސް ވީ ރައްޔިތުންނަށް ހާއްސަ ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.
ހުޅުމާލެ ފޭސް-3 ހިއްކުމުގެ މަސައްކަތް ހަލުވި ކުރުމަށްޓަކައި ވެސް އިތުރު ޑްރެޖަރެއް މިދިޔަ ހަފްތާގައި ވަނީ ރާއްޖެ އައިސްފަ އެވެ. މިދިޔަ ހުކުރު ދުވަހު އެ ޑްރެޖަރާއެކު އެ ބިން ހިއްކުމުގެ މަސައްކަތުގެ ދުވެލި ތިން ގުނަ ކޮށްފައިވާއިރު ރައީސް ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާއިރު ގިރާވަރު ފަޅުގައި ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޑިސެމްބަރުގެ ނިޔަލަށް ފޭސް-3 އެއްކޮށް ހިއްކައި ނިންމައި އެތަން ހިއްކަމުންދާ ދެ ޑްރެޖަރު ވެސް ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އަންނަ މާޗް މަސްތެރޭގައި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ފޭސް-3 ހިއްކުމުގެ މަސައްކަތް ކުރަނީ ނިމިދިޔަ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް މާލެ ރައްޔިތުންނަށް ވައުދުވި ގޯތި ދިނުމުގެ ގޮތުންނެވެ. ނިމިދިޔަ ސަރުކާރުން ގިނަ ގޯތިތައް ދީފައި ހުރީ ބިން ވެސް ނުހިއްކާ ކަނޑުންނެވެ. އެހެން ކަމުން ރައީސް ޑރ. މުޢިއްޒު ވައުދުވި ގޮތަށް އެ ގޯތިތައް ދިނުމުގެ ގޮތުން ބިން ހިއްކަނީ އެވެ. ދިރާވަރު ފަޅަކީ ވެސް މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހިއްކާ ފަޅެކެވެ.
ބޯހިޔާވަހިކަމަށް ޓޯޓަލް ސޮލިއުޝަނެއް ގެނައުމުގެ މަޝްރޫއުގެ ދަށުން މި ފަސް އަހަރުގައި މާލެ ސިޓީގައި 7،500 ހައުސިން ޔުނިޓް އަޅުއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ފަށާފައިވަނީ 3،000 ހައުސިން ޔުނިޓުގެ މަސައްކަތެވެ. މި މަޝްރޫއުއަށް ބޭނުންވާ ބިން ނިމިދިޔަ ނޮވެމްބަރު މަހުގައި ބީއެމްއެލްއާ ވަނީ ހަވާލުކޮށްފަ އެވެ.
ސޯޝަލް ހައުސިން އަދި ބިން ދޫކުރުމުގެ އުސޫލު ނިމިދިޔަ މަހުގައި ވަނީ އާންމުކޮށްފަ އެވެ. އަދި މި ދެ ކެޓެގަރީއަށް ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލަން ހަމަޖެހިފައިވަނީ ޖެނުއަރީ 4 ވަނަ ދުވަހުގަ އެވެ.






