ސްރީލަންކާއަށް ކުރިމަތިވެފައިވާ މޫސުމީ ގަދަ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން އެ ޤައުމަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން، ދިވެހިރާއްޖެއިން 50،000 އެމެރިކާ ޑޮލަރާއި 25،000 މަސްދަޅު ކޭސް ހަދިޔާކުރުމަށް ނިންމައިފި ކަމަށް ޚާރިޖީ ވުޒާރާއިން މިއަދު ބުނެފިއެވެ.
މި އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ނިންމާފައިވަނީ، "ޑިޓްވާ" ތޫފާންގެ ސަބަބުން ސްރީލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، އެ ޤައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ މަޤްސަދުގައެވެ. ޚާރިޖީ ވުޒާރާގެ ބަޔާނުގައި އިތުރަށް ބަޔާންކުރައްވާފައިވަނީ، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި ދިވެހި ރައްޔިތުން ސްރީލަންކާގެ ރައްޔިތުންނާއެކު ތިބިކަމާއި، މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލުއިކަމެއް ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ފާއިތުވި ދެ ދުވަހުގެ ތެރޭގައި ސްރީލަންކާއަށް 300 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، މިއީ އެ ޤައުމަށް މިހާތަނަށް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ވެހުނު އެންމެ ގިނަ ވާރޭގެ މިންވަރެވެ. މި ގަދަ ވިއްސާރައިގައި މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ ގާތްގަނޑަކަށް 70 އަށް އަރާފައެވެ. އަދި އެއްބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ސްރީލަންކާގެ 219،000އަށްވުރެ ގިނަ މީހުންނަށް ވަނީ ސީދާ އަސަރުކޮށްފައެވެ.
މި ނުރައްކާތެރި މޫސުމީ ހާލަތާ ގުޅިގެން ސްރީލަންކާގެ މޫސުމާބެހޭ އިދާރާއިން ވަނީ އެ ޤައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރެޑް އެލާޓް ނެރެފައެވެ.









