ސްރީލަންކާއަށް މިވަގުތު ކުރިމަތިވެފައިވާ ގަދަ ތޫފާނުގެތެރޭގަ، އެގައުމުގެ ނުވަރަލިޔާ ސަރަހައްދަށް ޗުއްޓީއަށް ގޮސް އުޅުނު ދިވެހި އާއިލާއެއް ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީން ހާމަކުރެއްވި ގޮތުގައި، ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ ދިވެހި ފިރިހެނަކާއި ކުޑަކުއްޖެއްހެ އިތުރުން ސްރީލަންކާގެ އަންހެނެއް ހިމެނޭ ގޮތަށް ތިން މީހުންގެ އާއިލާއެކެވެ. މި އާއިލާގެ ހަބަރެއްނުވެ، ގިނަ ވަގުތު ވުމާއި ގުޅިގެން، އެމްބަސީން މިހާރު ދަނީ ހާލަތު ބެލުމުގެ މަސައްކަތްތައް ކުރަމުންނެވެ.
"ދިޓްވާ"ގެ ނަން ދީފައިވާ ސްރީލަންކާވެ ކައިރިން އުފެދިފައިވާ މި ތޫފާނުގެ ސަބަބުން އެގައުމުގެ ވަރަށް ބޮޑު ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.
ގެއްލުނު ދިވެހި އާއިލާގެ ހަބަރެއްވޭތޯ ދިވެހި އެމްބަސީން ދަނީ ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މައުލޫމާތު ހޯދަމުންނެވެ. މީގެ އިތުރުން، ސްރީލަންކާގައި މިވަގުތު ދިރިއުޅޭ ނުވަތަ އެކި ބޭނުންތަކަށް ގޮސް އުޅޭ ދިވެހިންގެ ތެރެއިން އެއްވެސް ފަރާތަކަށް އެހީތެރިކަމެއް ބޭނުންވެއްޖެނަމަ، 0768816666 ނަމްބަރަށް ގުޅުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އެމްބަސީން ބުނެފައިވަނީ މި ބިރުވެރި ހާލަތުގައި ދިވެހިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްބަސީން ތައްޔާރަށް ތިބި ކަމަށެވެ.









