އަންނަ ރަމަޟާން މަހުގެ ކުރިން 15 މިސްކިތެއްގެ މަޝްރޫއު ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ހއ. ދިއްދޫ އިސްލާމި މަރުކަޒު މިއަދު ހުޅުވިގެންދިއުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މަޝްރޫއުތައް ނިންމުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ނިންމައި، މިއަދު ހއ. ދިއްދޫ އިސްލާމީ މަރުކަޒު، މިސްކިތަކާއި އިސްލާމީ ކުތުބުހާނާއަކާއި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕަކާއެކު ހުޅުވިގެން ދިޔަ މި އުފާވެރި މުނާސަބަތުގައި ދިއްދޫގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން މަސައްކަތްކުރަމުން ދަނީ ރަމަޟާން މަހުގެ ކުރިން ގިނަ މިސްކިތްތަކެއް ހުޅުވުމަށް ކަމަށާއި، އެގޮތުން ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރަމުގެ މަޝްރޫއުތަކުގެ ތެރެއިން 15 މިސްކިތުގެ މަޝްރޫއު ނިމި ރަމަޟާން މަހުގެ ކުރިން އެ މިސްކިތްތައް ހުޅުވިގެންދާނެ ކަމަށެވެ.
މީގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މިސްކިތްތެއްވެސް ހިމެނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދާއިމީ މިސްކިތް މަދުކަމުން ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށްޓަކައި އެތަނުގައި ދާއިމީ އިތުރު މިސްކިތްތަކެއް ބިނާކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހު ފެށިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ހާމަކުރައްވައިފަ އެވެ.
ރައީސް ވިދާޅުވީ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ސަރުކާރުން ބިނާކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ އެެއްބައިވަންތަކަން ގާއިމުކޮށް އިސްލާމީ ހިދާޔަތާއި ނޫރާއި ސަގާފަތް ފެތުރުމަށެވެ.






