ތީފާން ދިތުވާގެ ސަބަބުން ސްރީލަންކާ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި މުޅި ލަންކާގެ އެކި ހިސާބުތަކުގައި ފެން ބޮުޑުވެ ކޯރުތައް ބަންޑުންވެ 500,000 މީހުންނަށް އަސަރުކޮށް، މިހާތަނަށް މަދުވެގެން 56 މީހުން މަރުވެ 27 މީހުން ގެއްލި 600 އަށް ވުރެ ގިނަ ގެއަށް ބޮޑެތި ގެއްލުން ލިބިއްޖެ ކަމަށް އެ ޤައުމުން ބުނެފިއެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މަތުވި މީހުންގެ ޢަދަދު 77 އަށް އަރައެވެ. އަދި 17 ޑިސްޓްރިކެޓެއް އޮތީ ގާތްގަނޑަކަށް ފެނުއަޑީގައެވެ.
ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ކޮލޮމްބޯ އަށް ވެސް ވަރަށް ވިއްސާރައެވެ. އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އެ ޤައުމުގެ މެދުތެރޭގެ ފަރުބަދަމަތީގައި އޮންނަ ފަތުރުވެރިންގެ މެދުގައި މަޤްބޫލު ނޫރަލިޔާއަށެވެ. ނޫރަލިޔާގެ ސައިފަތް ދަނޑުތަކަށް ވެސް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް ޚަބަރު ލިބެއެވެ.
ލަންކާގައި ރެޑް އެލާޓް ނެރެފައިވާއިރު، ރޭލު ދަތުރުތައް ވެސް ވަނީ ހުއްޓާލަން މަޖުބޫރުވެފައެވެ.
މި ވިއްސާރައާއި ގުޅިގެން އައްސޭރިފަށުގައި ހުރި ތިރި ހިސާބުތަކަށް އުދަ ވެސް އެބަ އަރައެވެ. ހެލިކޮޕްޓަރުތަކުންނާއި ކޯސްޓުގާޑާއި ދޯނިފަހަރުތަކުގައި ޢާންމުން ސަލާމަތްކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ވެސް އެ ޤައުމުން ބުނެއެވެ.









