ޕާކިސްތާނު ޖަލުގައި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަވަހާރަކޮށްލައިފި އޭ ބުނެ، ބަލޫޗިސްތާނުގެ ފޮރިން މިނިސްޓްރީގެ ޕޯސްޓަކާއި ޙަވާލާދީ ކަމަށް ބުނެ އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ. ފަތުރައިގެން މި އުޅޭ ވާހަކަ ތަކުގެ އެއްވެސް ޙަޤީޤަތެއް އަދި ނޭނގޭ އިރު، ބަލޫޗިސްތާނަކީ ޕާކިސްތާނުގެ ހުޅަނގު ދެކުނުގައިވާ ޕާކިސްތާނުގެ އެންމެ ބޮޑު ޕްރޮވިންސެވެ.
އަޑުތައް ފެރުރިފައިވާ ގޮތުގައި އިމްރާން ޚާން އަވަހާރަކޮށްލީ ރާވަލްޕިންޑީގެ އަދިއާލާ ޖަލުގައެވެ. އަދި އެއީ ޕާކިސްތާނުގެ އިންޓަ ސާވިސަސް އިންޓެލިޖެންސް (އައިއެސްއައި) އިން ކޮށްފައިވާ ކަމެއް ކަމަށް ބުނެ ސޯޝަލްމީޑިއާގައި ވަރަށް ބާރަށް މި ވާހަކަތައް ދަނީ ފެތުރެމުންނެވެ. ނަމަވެސް މިއީ ތެދެއްކަން ޕާކިސްތާނުގެ ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރު ކޮށްފައެއް ނުވެއެވެ.
މި ޚަބަރު އެންމެ ފުރަތަމަ ތިލަވާން ފަށާފައިވަނީ އަންގާރަ ދުވަހުގެ ދަންވަރުގަ އެވެ. މި ޚަބަރާއި އެކު އޭނާ ބަންދުކޮށްފައި ހުރި ޖަލު ހުންނަ ސަރަޙައްދަށް ގިނަ ބަޔަކު އެއްވެ މުޒާހަރާ ކޮށްފައި ވެސް ވެއެވެ. ސަޕޯޓަރުން ޑިމާންޑް ކުރީ ޢިމްރާން ސަލާމަތުން ހުރިކަމުގެ ހެކި ދެއްކުމަށެވެ.
ޕާކިސްތާނު ސަރުކާރުން ވަނީ ޢިމްރާން ޚާން އާއި ޢާއިލީ ބައްދަލުވުންތައް ކެންސަލް ކޮށްފައި ކަމަށް ޚަބަރުތައް ބުނާއިރު، އޭނާގެ ޚަބަރެއް ނުވެގެން އެއްބަނޑު އެއްބަފާ ކޮއްކޮ ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ޢާއިލާ އަށް ޢިމްރާނާއި ބައްދަލު ނުކުރެވޭތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ޢާއިލާ އާއި ޙަވާލާދީ ޚަބަރުތައް ބުނެއެވެ. އަދި ޢާއިލާއިން ވަނީ ޢިމްރާނާއި ބައްދަލުކުރުމުގެ ހުއްދަ ދިނުމަށާއި އޭނާގެ ޙާލަތު އެނގެން ބޭނުންވާ ކަމަށް ސަރުކާރުގައި އެދިފަ އެވެ.
އިމްރާން ޚާނާއި ގުޅޭ ގޮތުން ފަތުރަމުންދާ މި ވާހަކަތަކުގެ އަސްލު ފެށިފައި ވަނީ ސިޔާސީ ގޮތުން ޕާކިސްތާނާއި ކޯޅެމުންދާ އިންޑިއާ އާއި ގުޅުން ހުރި ނޫސްތަކުންނެވެ. މިއީ ޕާކިސްތާނުގެ އެތެރެ ހަލަބޮލި ކުރުމަށްޓަކައި ފަތުރާ ޚަބަރުތައް ކަމަށް ވެސް އެއްބަޔަކު ބުނަމުންދާއިރު، އިތުބާރު ހުރި އެއްވެސް މަސްދަރަކުން ޢިމްރާން އަވަހާރަކޮށްލި ކަމަށް ބުނެފައެއް ނުވެއެވެ.
ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ކުރިން މަޝްހޫރުވެފައިވަނީ މޮޅު ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގައެވެ. ޕާކިސްތާނުގެ ޕީޓީއައި ޕާޓީގެ ލީޑަރުކަން ކުރެއްވި ހާން ބޮޑުވަޒީރު ކަމުގެ މަގާމު 2022 ވަނަ އަހަރު ގެއްލުނީ އެމެރިކާއިން ފަންޑު ކޮށްގެން އޭނާގެ ޕާޓީގެ މެންބަރުންގެ ތާއީދާއި އެކު، އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެންނެވެ. ބޮޑުވަޒީރުކަމާއި ޙަވާލުވެ އޭނާ ވަނީ ކޮރަޕްޝަނާއި ދެކޮޅަށް ބޮޑު ކެމްޕެއިނެއް ސަރުކާރު ތެރެއިން ފަށާފައި ކަން ވެސް ފާހަގަ ކުރެވެއެވެ.
ޢިމްރާނު ޖަލަށް ލުމަށްފަހު އެންމެ ފަހުން ބޭއްވި އިންތިޚާބުގައި އޭނާގެ ޕާޓީގެ ނަމުގައި އެއްވެސް ކެންޑިޑޭޓަކަށް ވާދަ ކުރުމުގެ ފުރުޞަތު ވެސް ސަރުކާރުން ނުދިނެވެ.
ނުޙައްޤުން 14 އަހަރުގެ ޖަލު ޙުކުމެއް ޢިމްރާނަށް އިއްވީ ދައުލަތުގެ ހަދިޔާތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި ކަމަށް ވާއިރު، ދައުލަތުގެ ސިއްރުތައް ލީކުކޮށްލިއޭ ބުނެ އިތުރު ދަޢުވާ ވެސް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.






