ޖަޕާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ދާދި ފަހުން ޕީއެންސީއާ ގުޅިވަޑައިގަތް ކުރީގެ ޔޫތު މިނިސްތަރު އަހްމަދު މަހުލޫފުގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މަޖިލީހަށް ފޮނުވައިފި އެވެ.
ޕީއެންސީގެ ބައެއް އިސް ލީޑަރުންނާއެކު މީގެ 17 ވަރަކަށް އަހަރު ކުރިން ޑީއާރުޕީގައި ސިޔާސީ މަސައްކަތް ފެއްޓެވި މަހުލޫފް ޕީޕީއެމް އިން ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ޖެހުނު މައްސަލައެއްގަ އެވެ. އެއާއެކު ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް ގިނަ މަސައްކަތްތަކެއް މަހުލޫފް ވަނީ ކުރައްވާފަ އެވެ. އަދި ފަހުން އެމްޑީޕީއާ ގުޅި ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރުކަން ވެސް އޭނާ ވަނީ ކުރައްވާފަ އެވެ.
މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގަތީ ނިމިދިޔަ ސެޕްޓެމްބަރު މަސް ތެރޭގަ އެވެ. އޭނާ ވަނީ އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު ކަމަށް ވާދަކޮށް އެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ވެސް ހޯއްދަވާފަ އެވެ.
މަހުލޫފު މަޝްހޫރުވެފައިވަނީ ވަރަށް ނުފޫޒު ގަދަ ސިޔާސީ ލީޑަރެއްގެ ގޮތުގަ އެވެ. މިނިސްޓަރަކަށް ވުމުގެ ކުރިން އޭނާ އަކީ މަޖިލީހުގައި ދެ ދައުރު ފުރިހަމަ ކުރި މެންބަރެކެވެ. އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާ ހިޔާލު ތަފާތުވެ މަހުލޫފު އެބުރި ކުރީގެ ފިކުރަށް އެނބުރި އައިސް ޕީއެންސީއަށް ސޮއި ކޮށްފައިވަނީ ސަރުކާރަށް ދެ އަހަރު ފާހަގަކުރަން މި މަހު 14 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.






