ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ލ. މާވަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކަޮށްފި އެވެ.
މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. މާވަށް / ލިލީނައިޓް، މުހައްމަދު ވިޝާހު އަލީ (24އ) ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ލ. ފޮނަދޫ އިން މާވަށަށް ދާ ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާވަށުގައި މަސައްކަތްކުރާ ފުލުހުން މި މަހުގެ 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މުހައްމަދު ވިޝާހު އަލީ ލޯންޗުން ފޭބުމުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި އަށް ސެލޯފިންކޮޅު އޭނާގެ އަތުން ފެނިފައިވެ އެވެ. މިތަކެތީގެ ބަރުދަނުގައި 2.52 ގްރާމު ހުރިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މުހައްމަދު ވިޝާހު އަލީގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
މާވަށު ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.






