ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ކުރި ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އައިޝަތު ޝިމަން އާއި އަބްދުالله މަހުޒޫމް މާޖިދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.
މިކަމާ ގުޅިގެން ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ޝިމަން އާއި މަހުޒޫމްގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ނިންމީ، އެ ދެ މީހުންގެ ކުށުގެ ރިކޯޑެއް ނެތުމާއި އެ ދެ މީހުންގެ ފުށުން އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއްވެފައި ނުވާތީ އެ މައްސަލަ އަލުން މުރާޖައާ ކުރުމަށްފަހުގައި ކަމަށެވެ.
ޝިމަންގެ މައްޗަށް އުފުލީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ. އަދި މަހުޒޫމްގެ މައްޗަށް ދައުލަތުން އުފުލީ ފުލުހެއްގެ ގައިގައި އަތްލުން ނުވަތަ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. މި ކުށްތައް ސާބިތުވެއްޖެ ނަމަ، ޝިމަންގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަދި މަހުޒޫމްގެ މައްޗަށް އެއް މަހާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޝިމަންގެ މައްޗަށް މި ދައުވާ އޭރު އުފުލި ސަބަބެއް ކަމަށް ބުނަނީ، މުޒާހަރާކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުންގެ ސަފު ރޫޅާލުމަށް ފަހު ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ ފުލުހެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއަޅާފައިވާތީ ކަމަށެވެ. މީގެ އިތުރުން މަހުޒޫމްގެ މައްޗަށް މި ދައުވާ އުފުލި ސަބަބެއް ކަމަށް ބުނަނީ، މުޒާހަރާކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގައި ހުރި ފުލުހެއްގެ މޭ މަތީގައި ކަނާއަތުން އަޅައި ކޮއްޕާލާފައިވާތީ ކަމަށެވެ.
އެ ދައުވާތަކުގެ އަޑުއެހުމެއް އިއްޔެ ކުރިމިނަލް ކޯޓުގައިވަނީ ބާއްވައިފަ އެވެ.






