ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާދަމާރޭ މާލޭގެ މައްޗަންގޮޅީގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހަމަޖައްސަވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދާނީ މާދަމާރޭ 20:30 ގައި އަމީނިއްޔާ ސްކޫލުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، ރައްޔިތުންނާއި ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި އެމީހުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާއިރު، މައްޗަންގޮޅީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެސް މި ބައްދަލުވުމަށް ދައުވަތު އަރުވާ ކަމަށެވެ.
މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި މި ޕްރޮގްރާމުގެ ތެރެއިން، ރޭ އެމަނިކުފާނު ވަނީ ވިލިމާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ވިލިމާލޭގައި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ، ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވައި، އެބައިމީހުންގެ އަޑުއައްސަވައި، މައްސަލަތައް ހައްލުކުރައްވާނެ ކަމުގެ ވަޢުދުފުޅާ އެކުގައެވެ. އެ ވަޢުދުފުޅާއި އެއްގޮތަށް އެމަނިކުފާނު ވަނީ މިހާތަނަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. މިހާތަނަށް ރާއްޖޭގެ ވެރިއަކު ވެރިކަމުގެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ.
މި ދަތުރުފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ރަށެއްގެ ކައުންސިލާ ބައްދަލުކުރައްވައި، އެ ރަށެއްގެ ރައްޔިތުންނާއި ކައުންސިލްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.






