ފުލުހުންގެ އެންގުމަށް މަޑުނުކޮށް ދިޔަ މީހެއްގެ އަތުން މަސްތުވާތަކެތި ފެނުމުން ހައްޔަރު ކޮށްފި އެވެ. މި މައްސަލަ އާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ނ. މަނަދޫ / ރޯޝަނީގެ، ހަސަން ނާހިލް (18އ) ކަމަށް ފުލުހުން ހާމަކުރިއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހުޅުމާލެތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުން ފެނުމުން އޭނާގެ އަތުގައި އޮތް އެއްޗެއް ފޮރުވަން މަސައްކަތްކުރާ ކަމަށް ފުލުހުންނަށް ފާހަގަކު ރެވިގެންނާއި، އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން މަޑުކުރަން އެންގުމުން މަޑުނުކޮށް ދަނިކޮށް ނިރޮޅު މަގު ބަސް ސްޓޮޕެއް ކައިރިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ބަސްޓޮޕް ކައިރިން އޭނާ ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށާއި، އަދި އެ ތަކެތީގެ ބަރުދަނުގައި 31.23 ގްރާމު ހުރިކަމަށް ފުލުހުން ވަނީ ބުނެފައެެވެ.
މި މައްސަލައާ ގުޅިގެން ހަސަން ނާހިލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ އިތުރަށް ބުނެފަ އެވެ. އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބާވަތާއި މިންވަރުން ބަލާނަމަ މިއީ ގާނޫނުގައި ވާގޮތުން އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އަންނަ ކުށެކެވެ.






