މެދު ރާއްޖެތެރޭގެ ރަށެއްގައި ކުޑަކުދިންތަކެއް ކުޅުނު ފުޓްސަލް މެޗެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި، ފުލުހަކު ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވުމުން، އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިދިޔަ ހުކުރު ދުވަހު މެދު ރާއްޖެތެރޭގެ ރަށެއްގައި އޮތް ފުޓްސަލް ދަނޑެއްގައި ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ޖެހުނު ހަމަނުޖެހުމަކާ ގުޅިގެން، އެތަނުން ކުއްޖެއްގެ އާއިލީ މަސްލަހަތު އޮންނަ ފުލުހަކު، އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާ ވެދާނެ އަމަލެއް ކޮށްފައިވާ މައްސަލައެއް ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ، މި މައްސަލައިގެ ޖިނާއީ ބައި ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މި މައްސަލަ އަކީ ފުލުހެއްގެ މައްޗަށް ތަހުގީގު ކުރެވޭ މައްސަލައަކަށް ވުމުން އިދާރީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާޑުން ބަލަމުން އަންނަ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޯށްފައި ވަނީ އިއްޔެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މިކަން ހިނގީ ކޮން ރަށެއްގައި ކަން ހާމަކޮށްފައި ނުވަނީ އަނިޔާ ލިބުނު ކުއްޖާގެ ކަރާމާތަށް އުނިކަމެއް އައިސްދާނެތީއެވެ.






