ވިލިމާލެ ޕޮލިސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުއްޓައި 13 ކާޓަން ސިނގިރޭޓު ވަގަށްނެގި މައްސަލައިގައި ޝާމިލުވާ މުވައްޒަފުން ހޯދައި ފިޔަވަޅު އަޅަން ކުރަންޖެހޭ ހުރިހާކަމެއް ކުރާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެ މުއައްސަސާގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ހިދުމަތުގެ އަހުލާގީ މިންގަނޑުތަކާއި، އަސާސީ އުސޫލުތަކާއި ހިލާފަށް ކުރާ ކޮންމެ ކަމަކީ އެކަމަށް ބޮޑު އިސްކަމެއްދީގެން ފުލުހުން ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމެއް ކަމަށާއި މިކަމަކީ ފުލުހުންގެ ފަރާތުން ފެންނަންޖެހޭ އަހުލާގާއ،ި ހަރުދަނާ މަސައްކަތުގެ ރޫހާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން ވަނީ މިކަމުގައި ބައިވެރިވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.
ފުލުހުން ބުނީ އެ މުއައްސަސާގެ ހުރުމަތް ކުޑަކޮށް އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ދިވެހި ފުލުހުންގެ ހިދުމަތުން ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި އެ ހިދުމަތުގެ ހުރިހާ މުވައްޒަފުންނަކީވެސް، ޖަވާބުދާރީވުމާއި، ނަޒާހަތްތެރިކަން ހިފަހައްޓައި ސާބިތުކަމާއެކު ދެމިތިބެ، އިހްލާސްތެރި ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމަކީ، އެ މުއައްސަސާގެ މަސައްކަތްތައް އަބަދުވެސް ބައްޓަން ކުރަމުން ގެންދާ މައިގަނޑު އަމާޒު ކަމަށެވެ.
މިމައްސަލައިގެ މައުލޫމާތު ހާމަކޮށް ފުލުހުން ބުނީ މިތަކެއްޗަކީ، ވަގަށް އެތެރެކޮށްފައިވާކަމުގެ ތުހުމަތުގައި ބިދޭސީއެއްގެ އަތުން މިއަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ނެގި ސިނގިރޭޓުތަކެއް ކަމަށެވެ. ބިދޭސީ މީހާ އަތުން އަތުލައިކގަތް 32 ކާޓަން ސިނގިރޭޓު ވިލިމާލޭ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުއްޓާ އޭގެތެރެއިމް 6 ކާޓަން މަދުވި މައްސަލައެއް ފެންމަތިވެ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. މިތަކެތި މަދުވިކަން އެނގުނީ މިތަކެތި ކަސްޓަމްސްއާއި ހަވާލުކުރުމަށް މިމަހުގެ 12 ވަނަ ދުވަހު ބެލުމުންނެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 25 ކާޓަން ސިނގިރޭޓު ގެއްލިފައިވާކަންވެސް ވަނީ އެނގިފައެވެ.
ފުލުހުން ބުނީ މި ދެ މައްސަލައާއި ގުޅިގެން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށެވެ. އަދި މައްސަލަތަކާއި ގުޅޭ އިދާރީ މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.






