މާލޭގައި މިރޭ ތިން މިނެޓަށް ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފި އެވެ.
މިކަން ހާމަކޯށް އެމްއެންޑީއެފްއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، މިރޭ 21:15ގައި މާލޭ ލެމަންގްރާސް ސިޓްރޮންއާ ދިމާ ބޭރުން ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ތިން މިނެޓްގެ ދިގުމިނަކަށް ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި މިއީ އަމިއްލަ ފަރާތެއްގެ އެދުމުގެ މަތިން ވިޔަފާރި އުސޫލުން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
މިއީ ސީދާ ކޮން ކަމަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމެއް ސާފެއްނުވެ އެވެ.
ރާއްޖޭގައި ހަވާ އެރުވުމުގެ ހުއްދަ އޮންނަނީ އެމްއެންޑީއެފްއަށް އެކަނި ކަމަށްވުމުން މި މަސައްކަތް ކޮށް އުޅެނީ ހަމައެކަނި އެމްއެންޑީއެފްއިން އެކަންޏެވެ.






