ޒުވާނުންނަށް ހާއްސަކޮށްގެން ސަރުކާރުން ގާއިމުކުރި ޔޫތު ތާރޑް ސްޕޭސް، "ޒުވާނުންގެ ވެހި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.
"ޒުވާނުންގެ ވެހި" ނަމުގައި ހުޅުވި މި ތާރޑް ސްޕޭސް ޤާއިމުކޮށްފައި ވަނީ ލިލީމަގުގައި ހުންނަ، މުލިއާގެ ގަރާޖުގެ ގޮތުގައި ކުރިން ބޭނުންކުރަމުން ދިޔަ އިމާރާތާއި ގޯތީގަ އެވެ. މިތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަހީދާއި ދައުލަތުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މިތަނުގައި ޒުވާނުން ބާރުވެރިކޮށް ޒުވާނުންނަށް ބޭނުންވާ އެކި ކަހަލަ ހުނަރުތައް ތަރައްޤީކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މިތަން ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިތަނުގައި ޤާއިމުކޮށްފައިވާ ސްޓޯލްތަކާއި މަސައްކަތްތައް ބައްލަވާލައްވާފަ އެވެ.
"ޒުވާނުންގެ ވެހި" ގައި ޤާއިމުކޮށްފައިވާ ސްޓޯލްތަކުގެ ތެރޭގައި ކްލޭ ސްޓޫޑިއޯ ސްޓޯލް، އޯގާ ސްޓޯލް، އާޓް އެގްޒިބިޝަން ސްޓޯލް، ލައިވް އާޓް ސްޓޯލް، ކަސަބު ސްޓޯލް، އާޓްވޯކް ސްޓޯލް، މޫރަލް ސްޓޯލް، އެންދެރި ޖުވެލަރީ ސްޓޯލް، ކެލިގްރަފީ ސްޓޯލް، މެކް-މާމަ ކްރާފްޓް ސްޓޯލް، ޖުވެލަރީ ސްޓޯލް އަދި އޭ.އައި އެންޑް ރޮބޮޓިކްސް ސްޓޯލް ހިމެނެ އެވެ.
މުލިއާގެ ގަރާޖުގެ ގޮތުގައި ކުރިން ބޭނުންކުރަމުންދިޔަ އިމާރާތުގައި "ޔޫތު ތާރޑް ސްޕޭސް" އެއް ޤާއިމު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާ، އެކަން އިޢުލާންކުރެއްވީ 18 ނޮވެންބަރު 2024 ގައެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މުޖުތަމައަށް ފައިދާހުރި ކަންތައްތަކެއް ކުރާ ތަނަކަށް އެތަން ބަދަލުކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުންތަކުގެ ތެރެއިން، ޒުވާނުންނާ ގުޅޭ ހަރަކާތްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުންނެވެ.
ޔޫތު ތާރޑް ސްޕޭސް ފަރުމާ ކޮށްފައިވަނީ، ޒުވާނުންނާއި ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތައް ހިންގުމާއި، ޒުވާނުންނަށް ޚާއްސަކޮށްގެން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމު ކުރުމާއި، ޒުވާނުންނަށް ދުޅަހެޔޮ ހަށިހެޔޮ އަދި ނަފްސާނީ ގޮތުން ހިތްހަމަޖެހޭ ފަދަ މާހައުލެއް ޤާއިމުކުރުމާއި، ޒުވާނުންނަށް ދިމާވާ ތަފާތު މައްސަލަތަކުގައި ޔޫތު ކައުންސެލިންގ އަދި ޔޫތު ވެލްބީންގ ހިދުމަތް އެއް ފުރާޅެއްގެ ދަށުން ޒުވާނުންނަށް ފޯރުކޮށްދެވޭނެ ތަނެއްގެ ގޮތުގައިކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެ އެވެ.
މިފަދަ ތަންތަނަކީ، ޒުވާނުންގެ އީޖާދީ ވިސްނުން ހަޤީގަތަކަށް ހަދައި، ޒުވާނުން ބާރުވެރިކުރުވުމަށް މުހިންމު މަންސައެއް ކަމުގައި ހައްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެކުރިން ވިދާޅުވެފައެވެ. ޒުވާނުންނަށް ހާއްސަ "ތާރޑް ސްޕޭސް" އޭރިއާ ތަކަކީ، ޒުވާނުންގެ ހުނަރުތައް އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ލިބޭ ވަރަށް ބޭނުންތެރި މުހިންމު ތަނެކެވެ.
މިގޮތުން މިތަނުގައި ކުރިއަށް ގެންދެވުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމް ތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ހިމެނެ އެވެ. މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމަށްވެސް މިތަނުގެ ބައެއް ހަމަޖެއްސުމަށް ހުށަހަޅާފައިވެ އެވެ.
"ޒުވާނުންގެ ތަރޑް ސްޕޭސް" ނުވަތަ ޒުވާނުންގެ މަރުކަޒު ޑިޒައިންކުރުމަށް ހުށަހަޅާފައިވަނީ ޒުވާނުން ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިކުރެވޭނެ ގޮތަށް، ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައެވެ. އަދި މި ކޮންސެޕްޓުގައި، ރާއްޖެއަށް ހާއްސަ ކާބޯތަކެތި (ލޯކަލް ކުއިޒިން) ވިއްކުމަށާއި، އަދި ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ކާބޯތަކެތި ވިއްކާ ފަރާތްތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމާއި، ސިއްހަތަށް ފައިދާހުރި ކެއުންތައް ޕްރޮމޯޓްކުރާ، ކެފެޓޭރިއާއެއް ހިމެނުމަށްވެސް ހުށަހަޅާފައިވެ އެވެ.






