ޖަނަވާރުތަކަށް އިހުމާލުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތައް ކަނޑައަޅައި، ޖަނަވާރު ގެންގުޅުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 11 ދުވަސް ކުރިން - 19 ނޮވެންބަރު 2025 19:52
އޮޅުހިޔާގައި ބަލަހައްޓަމުން އަންނަ ބުޅަލެއް / ފޯޓޯ:  ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒީރާ
އޮޅުހިޔާގައި ބަލަހައްޓަމުން އަންނަ ބުޅަލެއް / ފޯޓޯ: ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒީރާ
ޚުލާސާ

މި ބިލުގެ މައިގަނޑު މަގްސަދަކީ، ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާ ކުރުމާއި، ވިޔަފާރި ކުރުމަށް މަގުފަހިކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން.

ރާއްޖޭގައި ޖަނަވާރު ގެންގުޅުމުގައި ގަވާއިދުތަކާއި އުސޫލުތައް ކަނޑައަޅައި، ޖަނަވާރުތަކަށް އިހުމާލުވާ ނުވަތަ އަނިޔާކުރާ ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު" މިއަދު ފާސްކޮށްފި އެވެ. ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުން މި ބިލު ފާސްވިއިރު، މިއީ އާންމު ރައްޔިތުންގެ ކަންބޮޑުވުން ބޮޑުވެފައިވާ މައްސަލަތަކަށް ހައްލެއް ގެނެސްދޭނެ ބިލެކެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު ޢަބްދުއްރަހްމާނެވެ. މިބިލުގެ މައިގަނޑު މަގްސަދަކީ، ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާ ކުރުމާއި، ވިޔަފާރި ކުރުމަށް މަގުފަހިކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމެވެ.

މި ބިލުގެ ދަށުން ރާއްޖެއަށް ގެނެވޭ އަދި ރާއްޖޭގައި ގެންގުޅޭ ޖަނަވާރުގެ ސިއްހަތާއި ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި އަދި ޖަނަވާރަށާއި ޖަނަވާރުގެ ޒަރިއްޔާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރި ކުރުމަށްޓަކައި ޖަނަވާރަށް ބޭސްފަރުވާ ކުރުމުގެ އުސޫލުތައް ކަނޑައަޅާނެ އެވެ. މީގެ އިތުރުން ރާއްޖެއަށް އެތެރެކުރާ ޖަނަވާރާއި، ޖަނަވާރުގެ ބައިތަކާއި، ކާނާއާއި ބޭސް އެތެރެ ކުރުމުގެ އުސޫލުތައް ވެސް މި ބިލުގައި ކަނޑައަޅާނެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖެއަށް ޖަނަވާރު އެތެރެ ކުރުމަށާއި އެފަދަ ތަކެތި ގެންގުޅުމާއި، ޖަނަވާރަށް ބޭނުންވާ ކާނާއާއި، ބޭސް އެތެރެކޮށް ވިޔަފާރި ކުރުމަށް މި ބިލުގެ ދަށުން ރަޖިސްޓްރީވާން ޖެހޭނެއެވެ.

ޖަނަވާރުގެ ރައްކާތެރިކަމާއި ގުޅޭ ސިޔާސަތުތައް ކަނޑައެޅުމާއި، ޤާނޫނު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު މި ބިލުގެ ދަށުން ހަވާލުކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރާ އެވެ. އަދި ރާއްޖެއަށް ޖަނަވާރު އެތެރެކުރާ ބަނދަރުތަކުގައި ޕޯޓު ކަރަންޓީނު ފެސިލިޓީތައް ގާއިމު ކުރުމާއި، އެނިމަލް ސެންކްޗުއަރީތައް ސަރުކާރުން ގާއިމުކުރަން ޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާން ކޮށްފައެވެ.

މި ބިލުގައި ޖަނަވާރުތަކާއި މެދު އިހުމާލުވާ ފަރާތްތަކާއި މެދު އަޅާނެ ފިޔަވަޅުތައް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. އެގޮތުން:

  1. ޖަނަވާރުގެ ޒަރިއްޔާއިން ބައްޔެއް ފެތުރޭ ފަދަ ޢަމަލެއް ކޮށްފިނަމަ 10,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
  2. ޤަވާއިދާ ހިލާފަށް ޖަނަވާރު އެތެރެކޮށް ބޭރުކޮށްފިނަމަ 5,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ އެވެ.
  3. ޤާނޫނާ ހިލާފަށް ޖަނަވާރު ވިއްސައި އާލާކޮށް، ގާނޫނާ ހިލާފަށް ޖަނަވާރު ގެންގުޅެ، ސާމްޕަލް އޮޅުވާލައި، ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާއި ހިލާފު އަމަލުތައް ކޮށްފިނަމަ އެ އަމަލެއް ކުރި ފަރާތް 10,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
  4. ޖަނަވާރަށް އަނިޔާއެއް ދީފިނަމަ ނުވަތަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއް (ހާއްސަކޮށް ބުޅާތައް) އާންމު ތަންތަނަށް ދޫކޮށްލައިފިނަމަ 5,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. މިއީ މިހާރުވެސް ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ.
  5. މި ބިލުގައި ސީދާ އަދަބު ކަނޑައެޅިފައިނުވާ ކަމެއް ދިމާވެއްޖެނަމަ 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%