މާލޭގައި 24 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން ބުނީ މިދިޔަ އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދިން ކަމަށާއި ހޮސްޕިޓަލުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަމަށް ތުހުމަތު ކުރެވިގެން، ހަމަ އެދެވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަނިޔާ ލިބިފައިވަނީ 24 އަހަރުގެ ދިވެހި އަންހެނަކަށެވެ.
ފުލުހުން ބުނީ މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށެވެ. އަދި އަނިޔާ ލިބިފައިވާ ފަރާތަށް ބޭނުންވާ ސިއްހީ ފަރުވާއާއި ސައިކޯސޯޝަލް އެހީތެރިކަން ދަނީ ފޯރުކޮށްދެމުންދާ ކަމަށް ބުންޏެވެ.
މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެ އެވެ.






