ޙަމާސްގެ ހަތިޔާރުތައް ނައްތާލައި ޣައްޒާ ހަމައަކަށް އެޅުވުމަށް އަމާޒުކޮށްގެން ކަމަށް ބުނެ އެމެރިކާއިން އެކުލަވައިލި ޤަރާރު އދ. ގެ ސަލާމަތީ މަޖިލީހުން 13 ވޯޓާއި އެކު ފާސް ކޮށްފިއެވެ. މި ވޯޓުގައި ބައިވެރި ނުވަނީ ރަޝިޔާއާއި ޗައިނާއިންނެވެ.
އެމެރިކާ އިން ހުށަހެޅި ޤަރާރުގައި ވަނީ “އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް” (އައިއެސްއެފް) ގެ ނަމުގައި ލަޝްކަރެއް އެކުލަވާލުމަށެވެ. އެ ފޯސްގައި މަސައްކަތް ކުރާނީ އިސްރާއީލާއި މިޞްރެވެ. މީގެ އިތުރުން އެފޯސްގަައި މަސައްކަތް ކުރުމަށްޓަކައި ފަލަސްޠީނުގެ ފުލުހުންގެ ބަޔަކަށް ވެސް ވަނީ ތަމްރީނު ދީފައެވެ. ސަލާމަތީ މަޖިލީހުން ނެގި ވޯޓު ފާސް ވުމާއި އެކު ވަނީ އެ ފޯސް އެކުލަވައިލުމަށް ހުއްދަ ލިބިފައެވެ.
އެމެރިކާއިން އެކުލަވައިލާ އައިއެސްއެފްގެ ޙަޤީޤީ މަޤްޞަދަކީ ވެސް ޙަމާސްގެ ހަތިޔާރުތައް ނައްތާލައި އިސްރާއީލަށް ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމެވެ. މިއީ ނަތަންޔާހޫ ޓްރަމްޕަށް “ވިއްކި” ޕްލޭނެކެވެ. އިސްރާއީލު ނުރުހޭ ބަޔަކަށް މި ފޯސްގައި ބައިވެރި ވެސް ނުވެވޭނެއެވެ. މި ފޯސް އިން ޙަމާސްގެ ހަތިޔާރު ނައްތާލުމާއި، އިސްރާއީލާއި ފަލަސްޠީނާއި ގުޅިފައިވާ ބޯޑަރު ސަރަޙައްދުތައް ބެލެހެއްޓުމާއި، ޢާންމުން ޙިމާޔަތްކުރުމާއި، އިންސާނީ އެހީ ޣައްޒާއަށް ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.
މި ޤަރާރުގައި ވާ ގޮތުން، ޙަމާސް “ފޮހެލުމަށް” ޣައްޒާގެ ބާރުތައް ޙަވާލުކުރާނީ އެމެރިކާއިން ބަލައިގަންނަ ޖަމާޢަތަކާއެވެ. އެއީ ޣައްޒާގެ އެތެރޭގައި އިދާރީ އަދި ސަލާމަތީ އޮނިގަނޑުތައް އަލުން ބިނާކުރުމަށް ކަމަށް ބުނެއެވެ. މި މަސައްކަތުގައި މިދެންނެވި ފޯސް އިން އެހީތެރިކަން ފޯރުކޮށްފޭނެއެވެ. މީގެ އިތުރުން މި ފޯސް އިން ޙަމާސް އާއި ހަނގުރާމަވެރި އެހެން ޖަމާޢަތްތަކުގެ އަތުގައި ހުރި ހަތިޔާރުތައް އަތުލައި ދާއިމީކޮށް އެ މީހުންގެ ބާރުތައް ނައްތައިލުމުގެ ޒިންމާ ނަގާނެ އެވެ.
އަދި 2027 ވަނަ އަހަރާ ހަމައަށް ޣައްޒާގެ އިދާރީ މަސައްކަތްތައް ބަލަހައްޓަން “ބޯޑް އޮފް ޕީސް،”ގެ ނަމުގައި އިންތިގާލީ ގަވަނިން ބޮޑީއެއް އުފެއްދުމަށް ވެސް ކައުންސިލުން ފާސްކުރި އެވެ. ބެލެވޭ ގޮތުގައި މި “ސަރުކާރު” އުފައްދާނީ ޕެންޓަގަން އިންނެވެ. އެންމެ އިސް ވެރިޔަކަށް ޣިރާޤު ފުނޑާލައި ޞައްދާމް ޙުސައިން ދަންޖައްސައިލި ހަނގުރާމަ ލީޑްކުރި އިނގިރޭސީވިލާތުގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ ހުންނާނެ ކަމަށް ބެލެވެއެވެ.






