ޚާރިޖީ ގުޅުން ގާއިމުކުރުމުގައި މި ސަރުކާރުން މަސައްކަތް ކުރީ ދިވެހިންނަށް އިސްކަންދޭ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް 2 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ހާރިޖީ ގުޅުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ.
ޖަލްސާގައި ވާހަކަދައްކަމުން ރައީސް ވިދާޅުވީ، ސަރުކާރުން އަބަދުވެސް ގެންގުޅުއްވާނީ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށާއި ޚާރިޖީ ގުޅުންތަކުގެ ތެރެއިން މި ގައުމަށް އެންމެ ރަނގަޅު ސިޔާސަތު ހޯދުމަކީ ދިވެހީން އެންމެ ބޭނުންވާނެ ގޮތް ކަމަށެވެ. އަދި މިދިޔަ ދުވަސްތަކުގައި ސަރުކާރުން މަސައްކަތް ކުރީ އެ ގޮތަށް ކަމަށާއި އެގޮތުން، ވަރަށް ގާތް ގުޅުންތައް ހުރިހާ ގައުމަކާ އުފައްދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ދުރު ގައުމުތައް ކަމަށް ވިޔަސް، ކުދި ބޮޑު ހުރިހާ ގައުމަކާ އެކީގައި މި ދަނީ ދިވެހީންނަށް އެންމެ ފައިދާ ހުރި ގޮތް ހޯދައިދިނުމަށްޓަކައި މަސައްކަތްކުރަމުން. މީގެ ތެރެއިން އެތައް ކާމިޔާބީއެއް ވެސް އެބަ ހޯދޭ،" ރައީސް ވިދާޅުވި އެެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުން ދުނިޔޭގެ ގިނަ ގައުމުތަކާއެކު ގާތް ގުޅުމެއް ބަދަހިކޮށްފައިވާ ކަމަށާއި އެގޮތުން، ޚާރިޖީ ގޮތުން މުހިންމު ގައުމުތަކުގައި އެމްބަސީތައް ގާއިމުކޮށް، 27 ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ނުވަތަ ގައުމުތަކަށް ކަނޑައަޅުއްވާ ސަފީރުން އައްޔަން ކުރައްވާފައިވާކަމަށެވެ.
މިއީ ރާއްޖޭގެ ޚާރިޖިއްޔާގެ ތާރީހުގައިވެސް އެންމެ ގިނަ އަދަދަކަށް ގައުމުތަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރި ސަރުކާރު ކަމަށާއި މީގެ ސަބަބުން ގައުމުތަކާ އޮތް ގުޅުން އިތުރަށް ބަދަހިވެ، ގައުމަށް ފައިދާވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އޭގެ ސަބަބުން އިންވެސްޓްމަންޓުތައް ގައުމަށް ލިބިގެންއެބަދޭ. އަޅުގަނޑުމެންގެ މިހާރު ތިބި ސަފީރުން އެހެން ގައުމުތަކަށް ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި މީގެ ކުރިން އެއްވެސް އިރެއްގައި އައްޔަން ނުކުރެވޭވަރަށް އަޅުގަނޑު މިވަނީ އައްޔަންކޮށްފައި. އެއީ އެ ބޭނުމަކީ ސީދާ އެ ގައުމަށް ހާއްސަ ކުރެވިފައިހުރި ސަފީރެއް ހުރުމުން ލިބޭ ފައިދާ އެތައް ގުނައެއް ބޮޑުވެގެން އެބަދޭ. އެ ގުޅުން ބަދަހިކުރުމުން ލިބޭ އެތައް ބޮޑު ކުރިއެރުންތަކެއް އެބަހުރި،" ރައީސް ވިދާޅުވިއެވެ.
ޚާރިޖީ ގުޅުން ބަދަހިކުރުމުގައި ރާއްޖޭން އެންމެ ބޮޑަށް އިސްކަމެއްދޭނީ އަރަބި އިސްލާމީ ގައުމުތަކަށް ކަމަށާއި އޭގެ ތެރެއިންވެސް ސައުދިއަރަބިއްޔާއާއެކު އުފެދިފައިވަނީ ގާތް ގުޅުމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނީވެސް މި ގާތް ގުޅުމުގެ ސަބަބުން ކަމަށާއި މީގެ ސަބަބުން ހައްޖަށްދާ ދިވެހިންނަށް އެތައް ލުއިތަކެއް ލިބިގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.









