ފާޓިލިޓީ ކެއާ ފަންޑް މެދުވެރިކޮށް "އައިވީއެފް" ހަދަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހުޅުވާލައިފި އެވެ.
އެންސްޕާ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ 2025 ވަނަ އަހަރު އައިވީއެފް ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަަމަށާއި މި އަހަރު އައިވީއެފް ފަރުވާއަށް އެހީ ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ، ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތުހަމަވެ އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިންނަށް ކަމަށެެވެ.
އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލުގައިވާގޮތުން އައިވީއެފްގެ އެހީއަށް އެދި ހުށަހަޅާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި:
- އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް މީލާދީ ގޮތުން 3 އަހަރު ވެފައިވުން
- ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއަޅާފަދަ ސިއްހީ ސަބަބެއް މެދުވެރިވެފައިވުން ނުވަތަ ސަބަބު ދެނެނުގަނެވި ފާއިތުވި 3 އަހަރު ދަރިމައިވުމަށް ނުކުޅެދިފައިވުން އަދި ދަރިމައިވުމުގެ އެހެނިހެންފަރުވާ ކާމިޔާބު ނުވެ ރިޕްރޮޑަކްޓިވް ޕެތޮލޮޖީ އިން "އައިވީއެފް އަކީ އެފަރާތަށް އެންމެ އެދެވިގެންވާ ފަރުވާކަމަށް ކަމާގުޅޭ ސްޕެޝަލިސްޓެއް ލަފާ ދީފައިވުނ.ް
- އެހީއަށް އެދޭ ދެމަފިރިން ކުރެ އެއްވެސް ފަރާތެއް ދަރިމައިނުވާ އޮޕަރޭޝަން ކޮށްފައި ނުވުނ.ް
- ދެމަފިރިންގެ ދަރިއެއް ދުނިޔޭގައި ނެތުން
- "އައިވީއެފްގެ ފަރުވާ ފަށާއިރު އަނބިމީހާގެ އުމުރުން 30 އަހަރު ފުރ،ި 42 އަހަރު ފުރިފައިނުވުން އަދި ފިރިމީހާގެ އުމުރުން 55 އަހަރު ފުރިފައިނުވުން. ނަމަވެސް އަނބިމީހާގެ އުމުރުން 25 އަހަރު ފުރި ދިމާވާ ސިއްހީ ހާލަތެއްގެ ސަބަބުން އައވީއެފް ހެދުމަކީ އެންމެ އެދެވިގެންވާ ފަރުވާކަމަށް ކަމާގުޅޭ ސްޕެޝަލިސްޓެއް ލަފާ ދީފައި ވާނަމަ އަދި މި މާއްދާގެ އެހެން ޝަރުތުތައް ފުރިހަމަވާނަމަ އެފަދަ ފަރާތަކަށް މިއުސޫލުގެ ދަށުން އައިވީއެފްގެ ފަރުވާ އަށް އެހީ ފޯރުކޮށްދިނުމަށް ހުރަހެއް ނެތެވެ.
- އެހީއަށް އެދޭ އިރު އެހީއަށް އެދޭ އަނބިމީހާގެ "ބޮޑީ މާސް އިންޑެކްސް" ބީއެމްއައި 19 އާއި 30 ދެމެދު ހުރުން.
- އެހީއަށް އެދުމުގެ 6 މަސް ކުރިން ފަރުވާ ހޯދާ ދެމަފިރިން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާފައިވުން.
- އެހީއަށް އެދޭ ދެމަފިރިން ކުރެ އެއްވެސް ފަރާތަކ،ީ ފާއިތުވި 3 އަހަރު ދުވަހު ޖިނާއީ ކުށެއް ސާބިތުވެ ހުކުމެއް ކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން.
- ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި އަނބިމީހާގެ "އެންޓި މުލޭރިއަން ހޯމޯން" 0.8 mL/ng އަށް ވުރެ ދަށަށް ގޮސްފައިނުވުނ.ް އަދި މައްސަރު ކަންތައް ފެށިގެން ދެވަނަ ދުވަހާއި ފަސް ވަނަ ދުވަހާ ދެމެދު "ފޮލިކަލް ސްޓިމިއުލޭޓިންގް ހޯމޯން" ގެ މިންވަރު L/iu10 އަށްވުރެ މަތި ނުވުން
- މީގެ ކުރިން މި އުސޫލުގެ ދަށުން "އައިވީއެފްގެ އެހީ ހަމަޖެހިފައިވާ ފަރާތެއް ކަމުގައި ނުވުން ނުވަތަ އަމިއްލަ ހަރަދުގައި "އައިވީއެފްގެ 3 ބުރު (IVF CYCLE) ފުރިހަމަކޮށްފައިނުވުން
އެންސްޕާއިން ބުނިގޮތުގައި ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން މިފުރުސަތަށް އެދި ހުށަހަޅަންޖެހޭނީ https://one.gov.mv ޕޯޓަލް މެދުވެރިކޮށް އޮންލައިން ކޮށެވެ. ފޯމް ހުށަހެޅުމަށް ހުޅުވާލާނީ 20 ނޮވެމްބަރު 2025 އިން ފެށިގެން 20 ޑިސެމްބަރު 2025 ގެ 14:00 ނިޔަލަށެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާނަމަ އެންސްޕާގެ ހޮޓްލައިން 1402 ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އެންސްޕާއިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.






