ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް ޒަމާނީ ފަރުވާތައް ތައާރަފްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭހެން، ރޮބޮޓް ބޭނުންކޮށްގެން އޮޕަރޭޝަން ކުރަން ތައްޔާރުވެއްޖެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ރޮބޮޓިކް ޓެކްނޮލޮޖީ ބޭނުންކޮށްގެން އޮޕަރޭޝަން ކުރަން ފަށާ ފުރަތަމަ ފަހަރެވެ. މި ޚިދުމަތުގެ ސަބަބުން ބޮޑެތި ފަރުވާތަކަށް ދިވެހިން ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ވަރަށް ބޮޑަށް މަދުވެ، އާސަންދައިގެ ދަށުން ގައުމުގައި ތިބެގެން މިފަދަ ފަރުވާ ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.
އައިޖީއެމްއެޗްގައި ދާދިފަހުން ވަނީ ލޭޒަރު ޓެކްނޮލޮޖީ، ނެނޯ ނީޑްލް، އަދި އެންޑޯސްކޯޕިކް ސްޕައިން ސާޖަރީ ފަދަ ޒަމާނީ ފަރުވާތައް ވެސް ކާމިޔާބުކަމާއެކު ތައާރަފްކޮށްފައެވެ.
އާންމުކޮށް ކުރާ އޮޕަރޭޝަންތަކާ ޚިލާފަށް ރޮބޮޓިކް ސާޖަރީއަކީ ހަށިގަނޑުން ވަރަށް ކުޑަކުޑަ ތަންކޮޅެއް ކޮށާލައިގެން ކުރާ ކަމަކަށް ވުމުން، ބަލިމީހާގެ ހަށިގަނޑުން ލޭ ބޭރުވާ މިންވަރު މަދުވެ، ވޭން ކުޑަވެ، އަދި އޮޕަރޭޝަނަށްފަހު ވަރަށް އަވަހަށް ފަސޭހަވެގެންދެއެވެ.








