ސަރުކާރުން ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ހައުސިން މިނިސްޓްރީން މިއަދު އާންމުކޮށްފިއެވެ. "ބޯހިޔާވަހިކަން އެންމެންނަށް" ނަމުގައި މި އުސޫލުތައް އާންމުކޮށްފައިވަނީ މާލޭގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު އެއް މަޝްރޫޢުގެ ދަށުން މާލެ ސަރަހައްދުންނާއި ރަސްމާލެއިން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ގޯތި ދޫކުރުމަށް ދެ ބަޔަކަށް ބަހާލައި، ކޮންމެ ބަޔަކަށް ވެސް ވަކި ޝަރުތުތަކެއް ކަނޑައަޅާފައިވެ އެވެ.
މާލޭގެ ރަށްވެހިން:
މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. މި ބައިން ގޯތި ލިބޭނެ ފަރާތްތަކުގެ ތެރޭގައި މާލެ ރަޖިސްޓްރީގައި ފެށުނީއްސުރެ ޖެހިފައިވާ ފަރާތްތަކާއި، މާލޭ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކާއި، ފަހުން މާލޭގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް ހިމެނެ އެވެ. ނަމަވެސް، މި ސްކީމްއަށް އެދެވޭނީ މާލޭ ރަށްވެއްސަކަށް ވިތާ 5 އަހަރަށް ވުރެ ގިނަ ދުވެފައިވާ މީހުންނަށެވެ.
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން:
ދެވަނަ ބައިގައި ހިމެނެނީ މާލޭގައި ދިިރުއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނެވެ. މި ފަރާތްތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ. ފްލެޓް ސްކީމްއެކޭ އެއްގޮތަށް މި ސްކީމްއަށްވެސް އެދެވޭނީ މާލޭގައި މެދުނުކެނޑި ދިިރިއުޅެމުންދާތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ.
އެގޮތުން ގޯތި ދޫކުރުމުގެ އާންމު ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި އުމުރުން 18 އަހަރުވެފައިވާ މީހަކަށް ވުން ހިމެނެ އެވެ. މީގެ އިތުރުން 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިނުވުމާއި، 400 އަކަފޫޓަށްވުރެ ކުޑަ ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިވާނަމަ، އެ ބިމެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވުން ހިމެނެ އެވެ. މައިންބަފައިން ނުވަތަ އެހެން ފަރާތަކުން ވާރުތައިގެ ގޮތުން ނުވަތަ ހިބައިން ބިމެއް ނުވަތަ ބިމުން ބައެއް ލިބެން އޮތްނަމަ، އެބިމެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލުމަށް އެއްބަސްވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
އެހެން ޝަރުތުތަކުގެ ތެރޭގައި އެއްމެދު ގޯއްޗެއް ރަޖިސްޓްރީކޮށްފައިވާނަމަ ގޯތި ބަހައިގެން ލިބޭ ބައި، ގޯތީގެ ބާކީ ތިބި ފަރާތްތަކަށް ދޫކޮށްލަން އެއްބަސްވުން ހިމެނެ އެވެ. އަދި ފާއިތުވި 5 އަހަރުގެ ތެރޭގައި އަމިއްލަ ނަމުގައިވާ ގޯއްޗެއް ނުވަތަ ހައުސިން ޔުނިޓެއް ނުވަތަ ރޯ ހައުސްއެއް ނުވަތަ އެއްމަދު އިމާރާތެއްގެ ފްލެޓް، އެހެން ފަރާތަކަށް ވިއްކައި، ހިބައިންދީ، ނުވަތަ ދޫކޮށްލާފައިނުވުން ވެސް ޝަރުތުތަކުގައި ހިމެނެ އެވެ. އެއްމަދު އިމާރާތަކުން އަމިއްލަ ނަމުގައި ހައުސިން ޔުނިޓެއް ގަނެފައިވާ ފަރާތަކަށް ނުވުމާއި، ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްފައިވާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ލިބިފައިވާ ގޯތި އެހެން ފަރާތަކަށް ވިއްކައި، ހިބައިންދީ، ނުވަތަ ދޫކޮށްލާފައިނުވުމަކީވެސް ޝަރުތުތަކުގައި ހިމެނޭ ކަންކަމެވެ.
ހައުސިން މިނިސްޓްރީން ބުނީ، މި ސްކީމްއަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވަނީ ވީހާވެސް ބޮޑަށް ވެރިފައިކުރެވޭނެ ފަދަ ގޮތަކަށް ކަމަށެވެ. އެގޮތުން ޕޮއިންޓް ދިނުމުގައި މާލޭގެ ރަށްވެހިކަން ނުވަތަ ދިރިއުޅުމުގެ މުއްދަތަށް ބަލާނެ އެވެ. އަދި އެ އާއިލާއެއްގެ ގޯތިގެދޮރުގެ މިލްކުވެރިކަމަށާއި، އުމުރުފުރާގެ އިތުރުން އާއިލާގެ ހާލަތުވެސް ހިމެނެއެވެ. އާއިލާގެ ހާލަތުގެ ތެރޭގައި ދަރިންގެ އަދަދު ނުވަތަ ސިއްހީ ސަބަބުތަކާހެދި ދަރިން ނުލިބޭނަމަ އެކަމަށްވެސް ބަލާނެ ކަމަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި ސިޔާސަތު އިފްތިތާހުކުރުމާއެކު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދާނެ ޢުސޫލުތަކާއި، ފްލެޓް ދޫކުރުމުގެ އުސޫލުތަކުގެ އިތުރުން ގޯތި ދޫކުރުމުގެ ސްކީމާއި އޭގެ އުސޫލުތައްވެސް ވަނީ އާއްމުކުރެވިފަ އެވެ. މި ސްކީމްތަކުން ފުރުސަތު ދިނުމަށް މައިގަނޑު ހަތަރު ކެޓަގަރީއަކަށް ވަނީ ބަހާލާފަ އެވެ.
މައިގަނޑު 4 ކެޓަގަރީއަކީ:
- މާލީގޮތުން ފުދުންތެރި ފަރާތްތައް: ވިޔަފާރި އުޞޫލުން ހައުސިންގ ޔުނިޓާއި ގޯތި ގަތުމުގެ މަގުފަހިކުރުމަށް ފުރުސަތު ދެވޭނެ އެވެ.
- މެދު ފަންތީގެ ޢާއިލާތައް: އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެފޯޑަބަލް ހައުސިންއަށް ހާއްސަކޮށްގެން ޕްރޮޖެކްޓުތައް ހިންގޭނެ އެވެ.
- އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ނެތް ފަރާތްތައް: ރެންޓް-ޓު-އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ މަގު ތަނަވަސްވާނެ އެވެ.
- އެންމެ ފަޤީރު ޙާލަތުގައިވާ އާއިލާތައް: ދިރިއުޅޭނެ ތަނެއް ނެތް އާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމެންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަމަޖެހޭނެ އެވެ.
މި ސިޔާސަތުގެ ދަށުން، ސަރުކާރުން ވަނީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމާއި ގޯތި ދޫކުރުމާއި ގުޅޭ ސްކީމްތައް އިޢުލާނުކުރައްވާފައެވެ. މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ އުސޫލުގައި ދެ ކެޓަގަރީއެއް ހިމެނެ އެވެ. އެއީ މާލެ ރަށްވެހިންގެ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީ އެވެ. ފްލެޓް ދޫކުރާ ދެ މޮޑެލްއަކީ އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލް އަދި ރެންޓް-ޓު-އޯން މޮޑެލް އެވެ. ގޯތި ދޫކުރުމުގެ އުސޫލުގައިވެސް ހިމެނެނީ މާލެ ރަށްވެހިންގެ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީ އެވެ.
ދާދި ފަހުން ޕީއެންސީން މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ދައުރުގައި މާލެ ސަރަހައްދުގައި މުޅި ޖުމްލަ 7،500 ޔުނިޓު އަޅުއްވައިދެއްވާނެ ކަމަށެވެ. މި ހަފްތާ ތެރޭގައި އޭގެ ތެރެއިން 3،000 ފުލެޓް އެޅުމަށް ވަނީ ސޮއިކޮށްފަ އެވެ.






