ފަސް މަސްދުވަހުގެ ތެރޭގައި ރަސްމާލެ ހިއްކާ ނިންމާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު މި މޭރުމުން ވިދާޅުވީ، ޕީއެންސީން އިންތިޒާމުކޮށްގެން އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޭ ކުރިއަށް ގެންދާ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، ރަސްމާލެ ހިއްކުމުގެ ސްޕީޑް އަވަސް ކުރުމަށް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އިތުރު ޑްރެޖަރު ގެންނާނެ ކަމަށް ވިދާޅުވި އެވެ.
ރަސްމާލެ އިން ދޫކުރާ ގޯތިތަކުގެ އުސޫލު އަންނަ ހަފުތާގެ ތެރޭގައި އިއުލާނު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި، ރަސްމާލެއިން ގޯތި ދިނުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި އެއީ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެނިހެން ރައްޔިތުންނަށް ގޯތި ދިނުމަށް ކަމަށެވެ. މީގެ އިތުރުން ރަސްމާލެ ހިއްކާ ނިމޭއިރު، ގޯތިތައް ލިބޭ މީހުން އެނގޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތު ހަގީގީ މާނައިގައި މި ފުއްދައި ދެނީ. މާލެ އާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުއްދައި ދެނީ. ހުރިހާ އިންޑަސްޓްރީ ކުރިއެރުވުމަށް މަސައްކަތް ކުރަން، މަސްވެރިކަން، ފަތުރުވެރިކަން އަދި ކޮންސްޓްރަކްޝަން ދާއިރާ ހިމެނޭ.،" --- ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، "ކަނޑުން" ދީފައި ހުރި ގޯތިތައް ދިނުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. ރައީސް ވަނީ ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށްވެސް ބިން ހިއްކައި ނިންމުމަށްފަހު ގޯތިތައް ދޭނެ ކަމަށް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ބޯހިޔާވަހިކަމަށް ކުރިމަތިލުމުގެ ފުރުސަތު އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ ރައްޔިތުންނަށްވެސް ފަހިކޮށްދޭނެ ކަމަށެވެ.









