ތިންބާރު ވަކިވެފައި އޮތް ނިޒާމު އެންމެ ފުރިހަމައަށް ތަންފީޒުކުރަނީ މިއަދުގެ ސަރުކާރުން ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މެމްބަރު ފަލާހު މި މޭރުމުން ވިދާޅުވީ، ޕީއެންސީން އިންތިޒާމުކޮށްގެން އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޭ ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިއަދުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށާއި ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. މީގެ އިތުރުން އެފަދަ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު މި ސަރުކާރުން އަޅާނެކަމަށްވެސް ފަލާހު ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހަކަށް އަތެއް ނުބާނާނެ، ފަނޑިޔާރު ގެއަށް އަތްބާނާނަމަ ވަގުތުން ތިބޭނީ މާފުށީގައި،" --- މެމްބަރު ފަލާހު ވިދާޅުވި އެވެ.
އެހެންކަމުން ތިން ބާރު ވަކިވެފައި އޮތް ނިޒާމު އެންމެ ފުރިހަމައަށް ތަންފީޒުކުރާ ރައީސް ކަމަށް ފަލާހު ވިދާޅުވި އެވެ. މީގެ އިތުރުން، ސިޔާސީ މަސައްކަތަށް ނިކުމެ ސަޕޯޓަރުންނަށް ސިޔާސީ މަސައްކަތުގައި ބާރުނު ފޯރުވާ ހަމައެކަނި ފަސްޓްލޭޑީ އަކީ މެޑަމް ސާޖިދާ މުހައްމަދު ކަން ފަލާހުގެ ވާހަކާގައި ފާހަގަކުރެއްވި އެވެ.
މި ޖަލްސާގައި ބައިވެރިވި ފަރާތްތަކަށް ޝުކުރުއަދާކުރަމުން ފަލާހު ވިދާޅުވީ، ރިކޯޑު އަދަދަކަށް ޖަލްސާއަށް ގިނަ ބަޔަކު ދިޔަ ކަމަށެވެ. މިއީ ދިވެހި ތާރީހުގައި ސިޔާސީ ޕާޓީއަކުން ބޭއްވި ޖަލްސާއެއްގައި އެންމެ ގިނަ މީހުން ބައިވެރިވި ޖަލްސާ ކަން ފާހަގަކުރައްވައި މެމްބަރު ފަލާހު ވިދާޅުވީ މިފަދަ ރިކޯޑެއް ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ހުދު ޕީއެންސީއަށްވެސް ދެން ނުހެދޭނެ ކަމަށެވެ.






