ބަދުނާމުކުރަން ކިތަންމެ ދޮގު ވާހަކަތަކެއް ދެއްކިއަސް މި އަޒުމަކަށް ކުޑަވެސް ފަސްޖެހުމެއް ނާންނާނެ: ހީނާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 16 ދުވަސް ކުރިން - 14 ނޮވެންބަރު 2025 22:49
ހީނާ ވަލީދު. ވާދަވެރި ފަރާތްތަކުގެ އެންމެ ބޮޑު އަމާޒަކީ، ރައީސް ޑރ. މުއިއްޒުގެ އަރިހުގައި މަސައްކަތްކުރަން ތިބި ޓީމް ބަލިކަށި ކޮށްލުން ކަމަށް އޭނާ ވިދާޅުވި--- ފޮޓޯ:
ހީނާ ވަލީދު. ވާދަވެރި ފަރާތްތަކުގެ އެންމެ ބޮޑު އަމާޒަކީ، ރައީސް ޑރ. މުއިއްޒުގެ އަރިހުގައި މަސައްކަތްކުރަން ތިބި ޓީމް ބަލިކަށި ކޮށްލުން ކަމަށް އޭނާ ވިދާޅުވި--- ފޮޓޯ:
ޚުލާސާ

އަންހެނުންނަށް ފުރައްސާރަ ކޮށް ކުޑަކުދިންގެ ކަރާމާތަށް އަރައިގަންނަނީވެސް އިދިކޮޅުގެ ފަރާތްތަކުން ކަމަށް ހީނާ ވިދާޅުވި

ބަދުނާމުކުރަން ކިތަންމެ ދޮގު ވާހަކަތަކެއް ދެއްކިއަސް އަޒުމަކަށް ކުޑަވެސް ފަސްޖެހުމެއް ނާންނާނެ ކަމަށް ނެޝަނަލް ޕްރޮޓެކްޝަން އޭޖެންސީގެ ސީއީއޯ އަދި ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ހީނާ މި މޭރުމުން ވިދާޅުވީ، ޕީއެންސީން އިންތިޒާމުކޮށްގެން އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ ކުރިއަށް ގެންދާ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ހީނާ ވިދާޅުވި ގޮތުގައި، ވާދަވެރި ފަރާތްތަކުގެ އެންމެ ބޮޑު އަމާޒަކީ، ރައީސް ޑރ. މުއިއްޒުގެ އަރިހުގައި މަސައްކަތްކުރަން ތިބި ޓީމް ބަލިކަށި ކޮށްލުން ކަމަށާއި، ވަކިން ހާއްސަކޮށް އަންހެނުންނަށް އަމާޒުކޮށްގެން ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބަލިކަށިކޮށްލުން ކަމަށެވެ.

ހީނާ ވިދާޅުވި ގޮތުގައި، އިދިކޮޅުގެ ފަރާތްތަކުން އޭނާއަށް އަމާޒުކޮށް އެންސްޕާއާ ގުޅުވައިގެން ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރަނީވެސް ހަމަ އެ ނިޔަތުގައި ކަމަށެވެ. އެންސްޕާ ހިންގާނެ ތަނެއް ހޯދުމާ ގުޅިގެން، ހީނާއަށް އަމާޒުކޮށް އިދިކޮޅުގެ ފަރާތްތަކުން ދޮގު ވާހަކަތައް ފަތުރަމުން ދިޔަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެއީ އެންސްޕާއިން ކުރި ބިޑެއްވެސް ނޫން ކަމަށާއި، އެހެންނަމަވެސް އެއީ ދައުލަތުގެ މާލިއްޔަތު ނިޒާމާއި އެއްގޮތަށް ފިނޭންސް މިނިސްޓްރީން ޓެންޑަރިން ޕްރޮސެސްއާއި އެއްގޮތަށް އެ މިނިސްޓްރީން ނިންމެވި ކަމެއް ކަމަށެވެ.

ހީނާ ވިދާޅުވި ގޮތުގައި، މިކަމަކީ އާންމުކޮށް އިއުލާނުކޮށްގެން ހުޅުވާލާފައިވާ ބިޑެއްގެ ތެރެއިން، ބޭނުން ކޮންމެ ބަޔަކަށް އަގު ހުށަހެޅޭ ހާމަކަން ބޮޑުކޮށް ގެންދިޔަ ކަމެއް ކަމަށާއި، އަދި ފަހުން އެ ބިޑު ބާތިލުކުރި ކަމަށް ހީނާ ވިދާޅުވި އެވެ. މީގެ އިތުރުން އެ މުއާމަލާތުގައި ދައުލަތަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަަމުގެ ޔަގީންކަންވެސް ހިނާ ވަނީ ދެއްވައިފަ އެވެ.

"ނަމަވެސް އަޅުގަނޑު އަންހެނަކަށް ވީތީ އިދިކޮޅު ފަރާތްތަކުން އަޅުގަނޑުގެ ބޮލުގައި ނާޅުވަނީ ކޮން ނުހައްގު އިލްޒާމެއްތޯ؟ އަޅުގަނޑަށާއި އަޅުގަނޑުގެ އާއިލާއަށް ނުކުރާ ފުރައްސާރައެއް ނެތޭ، އަދި ކޮބާތޯ؟ އަޅުގަނޑަށް ކުރިމަތިވި ބައްޔަކާ މިފަދަ ކަންކަމާ ގުޅުވައި އަޅުގަނޑަށް ފުރައްސާރަކުރާނީ ކިހައި އިންސާނިއްޔަތުކަން ކުޑަވީމަތޯ؟" --- ހީނާ ވިދާޅުވި އެވެ.

ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ބަލިކަށިކޮށްލަން އަދި ބަދުނާމުކުރަން މަސައްކަތްކުރި ނަމަވެސް އެއްވެސް ފަސްޖެހުމެއް ނާންނާނެކަމަށް ހީނާ ވިދާޅުވި އެވެ. މީގެ އިތުރުން ކުރާ ކޮންމެ މަސައްކަތެއްވެސް ކުރާނީ ބައްލަވާ ވޮޑިގެންވާ ފަރާތްތެއްވާ ކަން ހަނދުމަކުރަމުން ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކުގައި ކަމަށް ހީނާ ވިދާޅުވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%