ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޓްރޭޑް މާކު ބިލު މިއަދު ތަސްދީގުކުރައްވައިފި އެވެ.
މި ބިލަކީ، މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި ބިލުން ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑް މާކު ރަޖިސްޓްރީކޮށް ދިނުމާއި ގުޅޭ ނިޒާމެއް ގާއިމްކޮށް، ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅި، ރަޖިސްޓްރީކުރެވޭ ޓްރޭޑް މާކާ ގުޅިގެން ޓްރޭޑް މާކުގެ ވެރިފަރާތްތަކަށް ލިބިދޭ ހައްގުތަކުގެ ދާއިރާ ބަޔާންކުރެވި، ޓްރޭޑް މާކުގެ ހައްގަކަށް އަރައިގަންނަ އަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކުރުމާއި އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކޮށްދީފައިވެ އެވެ.
ރަޖިސްޓްރީކޮށްފައިވާ ޓްރޭޑް މާކެއްގެ ހައްގަކަށް އަރައިގަންނަ ހާލަތެއްގައި އެޅޭނެ ގާނޫނީ ފިޔަވަޅުތައްވެސް މި ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން، ޓްރޭޑް މާކުގެ ހައްގަކަށް އަރައިގަންނަ ހާލަތެއްގައި އެޅޭ މަދަނީ ފިޔަވަޅުތަކާއި، ޓްރޭޑް މާކުގެ ޙައްޤަކަށް އަރައިގަންނަ ކަމަށް ޝައްކުކުރެވޭ މުދަލެއް އިމްޕޯޓްކުރެވޭ ޙާލަތުގައި އެޅޭނެ ފިޔަވަޅުތަކާއި، މާރކް ކައުންޓަފީޓްކުރުމުގެ ކުށާއި އަދަބުތައް މި ބިލުގައި ބަޔާންކޮށް، ކޯޓުތަކާއި ތަންފީޒީ އިދާރާތަކުގެ ދައުރުވެސް ބަޔާންކޮށްފައިވެ އެވެ.
މި ބިލަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ޓްރޭޑް މާކުތައް، މި ބިލަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓްރީކުރުމަށް ހުށަހެޅުމަށް ވަނީ ލާޒިމްކޮށްފަ އެވެ.
މީގެ އިތުރުން މި ބިލުގެ ދަށުން ހަދަންޖެހޭ އެންމެހާ ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ.
ރައީސް މި ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ބިލު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާތާ 12 މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.









