ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
މި ބިލަކީ މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ.
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުން ފަނޑިޔާރުންނަކީ، ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ފަދައަކުން އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރެވިގެންދާނެ އެވެ.
މީގެ އިތުރުން މި ގާނޫނުގައި ހިމެނޭ ބައެއް ކަންކަމަކީ:
- ފަނޑިޔާރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު ގާނޫނުގައި ކަނޑައެޅިގެން ދާނެ
- ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްސީލުކުރެވިގެންދާނެ
- ފަނޑިޔާރުން އައްޔަނުކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމުގެ އުސޫލުތަކާއި ވަގުތީގޮތުން އެހެން ކޯޓެއްގެ މަސައްކަތްތައް ހަވާލުކުރުމުގެ އުސޫލުތައް ގާނޫނުގައި ކަނޑައެޅިގެންދާނެ
- ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ ބަޔާން ހުށަހެޅުމާގުޅޭ އުސޫލުތައް މުރާޖައާކުރެވިގެންދާނެ
- ޝަރުއީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ގާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމުގެ ގޮތުން ގެންނަންޖެހޭ އިސްލާހުތައް ގެނެވިގެންދާނެ
ރައީސް މި ބިލު ތަސްދީގުކުރެއްވުމާއެކު މި ބިލު މިހާރު ވަނީ ގާނޫނަކަށްވެ އަމަލުކުރަން ފަށައިފަ އެވެ.









