ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ދިޔައީ ވައްކަމާއި، ކޮރަޕްޝަނާއި، ފަސާދައަށް ހިތްވަރު ދެމުން ކަމަށް ދާންދޫ ދާއިރާގެ މެމްބަރު މުހައްމަދު ފަޒީލް ވިދާޅުވެއްޖެ އެވެ.
މެމްބަރު ފަޒީލް މި މޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މެމްބަރު ފަޒީލް ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަން ބަދަލުވިއިރު، ރާއްޖެ އޮތީ 140 ބިލިއަން ރުފިޔާއިން ދަރަނިވެރިވެފައި ކަމަށެވެ. އޭރު ރާއްޖޭގެ ހުރިހާ ކުންފުނިތަކެއް އޮތީ ބަނގުރޫޓުވެފައިވާކަން ފާހަގަކުރައްވަމުން މެމްބަރު ފަޒީލް ވިދާޅުވީ، ދިވެހިރާއްޖެ އޮތީ ބަނގުރޫޓުވެފައި ކަމަށް ދުނިޔޭގެ އިގުތިސާދީ ޖަމުއިއްޔާތަކުންވެސް ބުނަމުންދިޔަ ކަމަށެވެ.
މެމްބަރު ފަޒީލް ވިދާޅުވި ގޮތުގައި 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ތައްޔާރުކޮށްފައިވަނީ ދިވެހި ހުރިހާ ރައްޔިތުންނަށް ނަފާއާއި މަންފާ ލިބޭ ގޮތަށް ކަން ފާހަގަކުރައްވަމުން މެމްބަރު ވިދާޅުވީ، މި ބަޖެޓު ތައްޔާރުކޮށްފައިވަނީ ބޯހިޔާވަހިކަމާއި ސިއްހީ ކަންކަމަށްވެސް އިސްކަންދީގެން ކަމަށެވެ.
މަޝްރޫއުތައް ނުހިނގާ ކަމަށް ބުނެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ދައްކަމުންދާ ވާހަކަތަކަށްވެސް މެމްބަރު ފަޒީލް ވަނީ ރައްދުދެއްވައިފަ އެވެ. މެމްބަރު ފަޒީލް ވިދާޅުވި ގޮތުގައި، ނިމިދިޔަ ސަރުކާރުގައި މަޝްރޫއުތައް ހަވާލުކޮށްފައި ހުރީ ބިޑުކުރުމެއްނެތި ކަމަށާއި އެފަދަ ވަރަށް ގިނަ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ.
މެމްބަރު ފަޒީލް އިތުރަށް ވިދާޅުވީ، މަސައްކަތް ކުރުމުގެ ގާބިލުކަން ނެތް ފަރާތްތަކަށް މަޝްރޫއުތައް ހަވާލުކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެ މަސައްކަތްތައް ނުނިމި އަދި ގައުމު ބަނގުރޫޓުވުން ކަމަށެވެ.






