މި އަހަރު ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި 3،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި އަހަރުގެ ބާކީ އޮތް ދޮޅު މަސްތެރޭގައި 3،000 ހައުސިން ޔުނިޓުގެ އެގްރީމަންޓުގައި ސޮއި ކުރެވި އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ބޭރު ގައުމުތަކުގެ އެހީގައި ހައުސިން ޔުނިޓުތަކެއް އެޅިގެންދާނެ ކަމަށާއި އޭގެ ތެރޭގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 4،000 ހައުސިން ޔުނިޓްގެ މަސައްކަތްތައް ވެސް އެބަ ހިނގާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ބޭރުގެ އެހީގެ ތެރެގައި ހިމެނިފައި ހުރި އެކިއެކި އަދަދުތައް ވެސް އެބަހުރި. އިންޑިއާގެ ލައިން އޮފް ކްރެޑިޓް ތެރެއިން 4،000 އަހުސިން ޔުނިޓެއްވެސް ހަމަޖެހިފައި އޮތީ. އޭގެ މަސައްކަތްތައް ވެސް އެބަ ހިނގާ. އަދި އެހެނިހެން ގައުމުތަކުގެ އެހީތެރިކަން ލިބިގެން މަސައްކަތްކުރަމުންދާ ޕްރޮޖެކްޓްތައް ވެސް އެބަހުރި." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މުޅި ޖުމްލަ 7،000 އަށްވުރެ ގިނަ ހައުސިން ޔުނިޓުގެ މަސައްކަތް މާ ގިނަ ދުވަހެއް ނުވެ މާލެ ސަރަހައްދުގައި ފެށިގެންދާނެ ކަމަށެވެ.
އަދި މީގެ އިތުރުން ގޯތި ދޫކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތްތައް ވެސް މިހާރު ވަނީ ހަމަޖެހިފައި ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބާކީ އޮތް ސަރަހައްދު ހިއްކުމުގެ މަސައްކަތް އެގްރީމަންޓު ސޮއި ކުރެވި ފައިސާ ހަމަޖެހިގެން އިއްޔެ ވަނީ ފެށިފައި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބާކީ ނުހިއްކާ އޮތް 38 ހެކްޓަރުގެ ބިން ހިއްކަން ފަށާފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. އެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް ވަނީ އެ ސަރަހައްދަށް ވަޑައިގެންފަ އެވެ. 2023 ވަނަ އަހަރު ސެޕްޓެމްބަރު މަހު ފެށި އެ މަޝްރޫއުގައި މީގެ ކުރިން ހިއްކާފައިވަނީ 24 ހެކްޓަރުގެ ބިމެވެ. މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއެކެވެ.
ގިރާވަރު ފަޅުގެ ބާކީ އޮތްބައި ހިއްކުމަށްޓަކައި އިއްޔެގެ ވަގުތެއްގައި ވަނީ އެގްރީމަންޓު ކުރެވިފައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި އެ މަސައްކަތައް ބޭނުންވާ ޑްރެޖަރު މި މަސްތެރޭ ރާއްޖެ އައިސް ހިއްކުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގޯތި ދީފައިވާ ފަރާތްތަކުގެ އަތުން ގޯތިތައް އަތުނުލައްވާނެ ކަން އެއީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި، ނަމަވެސް އެ ގޯތިތައް ދީފައި ހުރީ ކަނޑުން ކަމަށްވާތީ އެ ގޯތިތައް ހައްގުވެރިންނަށް ދިނުމަށްޓަކައި ބިން ހިއްކަން ޖެހޭ ކަމަށެވެ. އަދި އެ ބިންތައް ހިއްކުމަށްޓަކައި ގެންނަންޖެހޭ ޑްރެޖަރުތައް ގެނެވި މިހާރު ހިއްކަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މި މަސްތެރޭ ގިރާވަރު ފަޅު ހިއްކަން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް އުތުރު ތިލަފަޅު ވެސް މިއަހަރު ތެރޭ ހިއްކަން ފައްޓަވާނެ ކަމަށް ރައީސް ތަކުރާރު ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ އަވަސް ކުރުމުގެ ގޮތުން މި މަސްތެރޭ އިތުރު ޑްރެޖަރުތަކާ އެކީ ފެށިގެންދާނެ ކަމަށެވެ. އެއާއެކު ހިއްކުމުގެ މަސައްކަތް މެދުނުކެނޑި ބާރު މިނުގައި ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދު ވަޑައިގެންނެވިއަސް ފެނިވަޑައިގަންނަވާނެ ތިން ސަރަހައްދެއްގައި ރަސްމާލޭގައި ބިން ހިއްކުން ފަށައި ބައެއް ސަރަހައްދުތައް ވަނީ ނިމިފައި. އެ މަސައްކަތް ތިން ގުނަ ބާރުވާނެ މި އަންނަ މަސްތެރޭ. މާނައަކީ އިތުރު ޑްރެޖަރުތައް ގެނައުމަށް އެގްރީމަންޓް ހަދައި ފައިސާ ދައްކާފައި." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަސްމާލެ އަކީ 1،100 ހެކްޓަރުގެ ބިން ކަމަށާއި، އެއީ ހުޅުމާލެ އާއި ގުޅީފަޅާއި، ގިރާވަރު ފަޅާއި، އުތުރު ތިލަފަޅު، މި ތަންތަނުގެ އިތުރަށް މި ސަރަހައްދުން ބޯހިޔާވަހިކަން ދިނުމަށް ހިއްކޭ ސަރަހައްދެއް ކަމަށެވެ. އަދި އެއީ ރާއްޖޭގައި ވެސް މިހާތަނަށް ހިއްކާ އެންމެ ބޮޑު ބިން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި ހުރިހާ ތަނެއް މި ސަރަހައްދުގައި ހިއްކަނީ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށްޓަކައި ކަމަށާއި، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ނުލިބި އެތައް އަހަރެއް ވެގެން ގޮސްފައިވާ ޒަމާންވީ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހެޅުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އެގޮތުން ރަސްމާލެ އިން މިހާރު ހިއްކާ ބިމުން ފުރަތަމަ ބުރުގައި ކުރިއަށް އޮތް ފަސް މަސްދުވަސް ތެރޭގައި ހިއްކޭ ބިމުން 15،000 ގޯތި ދިނުމަށް ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ގޯތިތައް ދޫކުރާނީ އުމުރުން 18 އަހަރުން މަތީގެ އަދި އެކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް ކަމަށާއި އެއީ އާއިލީ ބޯހިޔާވަހިކަމުގެ ކޮންސެޕްޓުގެ ދަށުން ކަމަށެވެ.
މާލެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ފަރާތްތަކާއި އަދި މާލެ ދަފްތަރުގައި ތިބި ފަރާތްތަކަށް މި ގޯތިތައް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ މާލޭގައި ދިރިއުޅުއްވާ ފަރާތްތަކުގެ ބޯހިޔާވަހުކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުން ކަމަށާއި، ކުދިކުދި ގޯޅިތަކުގައި ހުރި ގެތައް ބޭންކުން ލޯނު ނުނެގޭތީ އެ ގޯތިތައް އެއްކޮށް ދޫކޮށްލާފައި ބިން ބޭނުންވާ ފަރާތްތަކަށް ވެސް ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ ކަމަށެވެ.






