ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ޓްރޭޑްމާކާބެހޭ ބިލަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީހީ ކާމިޔާބީއެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޓްރޭޑްމާކް ބިލް މިއަދު މަޖިލީހުން ވަނީ ފާސްކޮށް ގާނޫނަކަށް ހަދައިފަ އެވެ.
ޓްރޭޑްމާކް ބިލު ފާސްކުރުމާއި ގުޅިގެން މިނިސްޓަރު ސައީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ގާނޫނުގެ ސަބަބުން ފުރަތަމަ ފަހަރަށް ރާއްޖޭގެ އަދި ބޭރުގެ ޓްރޭޑްމާކްތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިމާޔަތްކުރެވި، ފިކުރީ މުދަލުގެ ހައްގުތައް ރާއްޖޭގައި ހިމާޔަތްކުރުން ހަރުދަނާވެ، އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ޓްރޭޑްމާކުގެ ގާނޫނުގެ ދަށުން، ޓްރޭޑްމާކުގެ ހައްގުގެ ވެރިފަރާތްތަކަށް އެފަރާތަކުން އުފައްދާ މުދަލަށް ނުވަތަ ފޯރުކޮށްދޭ ހިދުމަތެއްގައި ބޭނުންކުރާ ޓްރޭޑްމާކް ބޭނުންކުރުމުގެ އެކްސްކްލޫސިވް ހައްގު ޔަގީންކުރެވި، އުފެއްދުންތަކުގެ ސައްހަކަން ފަސޭހައިން ކަށަވަރުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ކޮންސިއުމަރުންނަށް އޮޅުވާލެވޭ ގޮތަށް ރަޖިސްޓްރީކުރެވިފައިވާ ޓްރޭޑްމާކްތައް ބޭނުންކުރުން ހުއްޓުވައި، ކައުންޓަފީޓްކުރުން މި ގާނޫނުގެ ދަށުން ޖިނާއީ ކުށަކަށް ހަދާފައިވާ ކަމަށާއި މި ގާނޫނުގެ ދަށުން ޓްރޭޑްމާކުގެ އިތުރުން ސެޓިފިކޭޓް މާކާއި، ކަލެކްޓިވް މާކްވެސް ރަޖިސްޓްރީކުރެވޭނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
"މިއީ ފިކުރީ މުދަލުގެ ރައްކާތެރިކަން ހަރުދަނާކޮށް، އުފެއްދުންތެރިންނާއި، ވިޔަފާރިވެރިންނާއި، އިންވެސްޓަރުންގެ އިތުބާރު އޮތް މާހައުލެއް ގާއިމްކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް ވާސިލުވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ." މިިނިސްޓަރު ސައީދުގެ ޕޯސްޓުގައި ވިދާޅުވި އެވެ.
މިއަދު ފާސްކުރި ޓްރޭޑްމާކް ބިލުގެ މަގުސަދަކީ ރާއްޖޭގައި އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރަޖިސްޓަރީކޮށްދިނުމާ ގުޅޭ ނިޒާމެއް ގާއިމުކޮށް ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމުގެ އިތުރުން ރާއްޖޭގައި ރަޖިސްޓަރީކުރެވޭ ޓްރޭޑްމާކާއި ރަޖިސްޓަރީކޮށްފައިނުވާ ޓްރޭޑްމާކާ ގުޅިގެން، ޓްރޭޑްމާކަށާއި އޭގެ ވެރިފަރާތްތަކަށް ލިބިގެންދާނެ ހައްގުތަކުގެ ދާއިރާ ބަޔާންކުރުމެވެ. އަދި ގާނޫނާހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ އުސޫލުތަކާއި، ހައްގު ގެއްލޭ ފަރާތްތަކަށް ލިބިދެވޭ ފަރުވާ ކަނޑައެޅުންވެސް މި ބިލުގައި ހިމެނެއެވެ.
އެގޮތުން ކައުންޓަފީޓްކުރުން ނުވަތަ ޓްރޭޑްމާކް ކުރެވޭ މުދަލުގެ ނަކަލުތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭރުކުރުން މި ބިލުން މަނާކޮށްފައިވާއިރު އެފަދަ އަމަލެއް ކޮށްފި ފަރާތެއް 100،000 ރުފިޔާ އާއި 200،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އަދި ރަޖިސްޓްރީ ކޮށްފައިވާ ޓްރޭޑްމާކް ނަކަލު ކޮށްގެން މުދަލެއްް، ނުވަތަ ފައިސާއެއް، ހޯދާފައިވާނަމަ މި ގާނޫނުގެ ދަށުން ކަނޑައެޅޭ އަދަބު ދިނުމާއެކު، އެ މުދަލެއް ނުވަތަ އެ ފައިސާއެއް ދައުލަތަށް ނެގުމުގެ އިހްތިޔާރު ކޯޓަށް ވަނީ ދީފަ އެވެ.






