މާލީ ގޮތުން ކުރިއަރައި ދިއުމަކީ ހުރިހާ ގޮތަކުންވެސް ގައުމަށް ތަރައްގީ އައުމާ އަދި ރައްޔިތުންނަށް ތަނަވަސްކަން ލިބުމަށް މަގުފަހިވެގެންދާނެ ކަންކަން ކަމަށް ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
އަނާރާ މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ވަރަށް އުންމީދީ ބަޖެޓެއްކަމަށް އަނާރާ ވިދާޅުވި އެވެ.
މި ބަޖެޓުގައި ފާހަގަކޮށްފައިވާ ބައެއް މުހިއްމު ކަންކަމުގެ ތެރެއިން، ނިސްބަތުން ދައުލަތުގެ އާމްދަނީ 32 އިންސައްތާގައި ހިފެހެއްޓުމާއި، ދައުލަތުގެ ދަރަނި ދުރު ރާސްތާގައި ދަށްކުރުމުގެ އަމާޒު ހިފެހެއްޓުމާއި، ޕީއެސްއައިޕީ ބަޖެޓު ދައުލަތުގެ ހަރަދުގެ 70 އިންސައްތަ އަށްވުރެ ދަށުގައި ބެހެއްޓުމާއި، ބޭރުގެ ދަރަނީގެ އިންޓްރެސްޓް ޖުމުލަ އާމްދަނީގެ އިންސައްތާގައި ހިފެހެއްޓުން އަދި ދައުލަތުގެ ގެރެންޓީދޭ ލޯނުތަކުގައި ކަމާބެހޭ ގާނޫނުގެ ހަމައިގެ ތެރޭގައި ހިފެހެއްޓުން، މި ފަސް އަމާޒަށް ބަޖެޓުގެ ފިސްކަލް ޕޮލިސީ ތަސައްވަރު ކުރެވިފައިވާ ކަމަށް އަނާރާ ވިދާޅުވި އެވެ.
މި ބަޖެޓުގައި އަންނަ އަހަރު ދައުލަތުގެ އާމްދަނީ 40 ބިލިއަނަށްވުރެ މައްޗަށް ދާނެކަމަށް ލަފާކޮށްފައިވާކަން ފާހަގަކުރައްވައި އަނާރާ ވިދާޅުވީ، މި އަދަދަކީ މި އަހަރާ އަޅައި ބަލާއިރު 6.2 އިންސައްތައިގެ އިތުރުވުމެއް ކަމަށެވެ.
"އެހެންކަމުން ދައުލަތުގެ ހަރަދުތައް މުހިއްމު ވަރަށް ދާއިރާތަަކަކަށް ބޮޑެތި ހަރަދުތަކެއް ކުރެވިގެންދާ ގޮތަށް ބަޖެޓުގައި ކަނޑައަޅާފައިވުމުން ދޭހަވެގެންދަނީ ސަރުކާރުން ވަރަށް ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ވަރަށް ބޮޑެތި ކަންކަން ހިމަނުއްވާފައިވާކަން،" --- އަނާރާ ވިދާޅުވި އެވެ.
ދައުލަތުގެ ދަރަނީގެ ކަންކަން މި ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރައްވަމުން އަނާރާ ވިދާޅުވީ، 2026 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނީ 148.4 ބިލިއަން ރުފިޔާގައި ކަމަށެވެ. އެއީ ޖީޑީޕީގެ 119.3 އިންސައްތަ ކަމަށްވެސް އަނާރާ ވިދާޅުވި އެވެ. މި ނިސްބަތް 2028 ވަނަ އަހަރަށް 117 އިންސައްތައަށް ކުޑަކުރަން އަމާޒު ހިފާފައިވާ ކަންވެސް މި ބަޖެޓުން ސާފުވާ ކަމަށް އަނާރާ އިތުރަށް ވިދާޅުވި އެވެ.









