ޝަރުއީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަހުމަދު ރިޒާ (ކުރިކީލަ ރިޒާ) އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ކުރިކީލަ ރިޒާ އަވަހާރަވުމާ ގުޅިގެން އެކްސްގައި އެމަނިކުފާނު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިކީލަ ރިޒާއަކީ ޝަރުއީ ދާއިރާ އާއި ސަރުކާރުގައި ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވި ގޮތުގައި، ރިޒާއަކީ އިޖްތިމާއީ ކަންކަމުގައި އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވަނީ ކުރިކީލަ ރިޒާ އަވަހާރަވުމުގެ ހިތާމައިގައި އޭނާގެ އާއިލާއަށް ތައުޒިޔާ ދަންނަވައި، މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަހުމަތުގައި ލެއްވުމަށް އެދި ދުއާ ދަންނަވައިފަ އެވެ.
ކުރިކީލަ ރިޒާ އަވަހާރަވުމާއި ގުޅިގެން ސަރުކާރުގެ ބައެއް އިސްވެރިންވެސް ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ދަންނަވައިފަ އެވެ.









