55 ރަށެއްގެ ކައުންސިލް އިދާރާގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަރީފް ވިދާޅުވީ، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާއެއްގެ އަމަލީ މަސައްކަތް، ގިނަ ރަށްރަށުގައި ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަސައްކަތް ގާތުން މޮނިޓާ ކުރުމަށްޓަކައި ރަށު ކައުންސިލް މެދުވެރިކޮށް، ރަށުގެ އެކި ފަރާތްތައް ހިމެނޭގޮތަށް ކޮމިޓީއެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެ ކޮމިޓީގެ ބޭނުންތެރިކަން ފެންނަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން، ކައުންސިލް އިދާރާތަކުގެ އުމްރާނީ މަސައްކަތާ ބެހޭގޮތުން ބަލަންޖެހޭ ކަންކަމާއި ހައްލުކުރަންޖެހޭ ކަންކަމާ ބެހޭ ގޮތުން، ހާއްސަ ނަމްބަރެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
އެގޮތުން 9108899 އަށް ގުޅުއްވުމުން، މިފަދަ ކަންކަމަށް ހައްލު ހޯދުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.






