އަންނަ ހުކުރު ދުވަހުގެ ޖަލްސާއިން ރައީސް މުއިއްޒުއަށް ރައްޔިތުންގެ ޝުއޫރުތައް ހާމަވެގެންދާނެ: ނައިބު ރައީސް

އައިޝަތު ރުވާ ރިފްޢަތު | 22 ދުވަސް ކުރިން - 8 ނޮވެންބަރު 2025 17:30
ޕީއެންސީގެ ހާއްސަ ޖަލްސާއަށް ތައްޔާރުވުމަށް މިއަދު ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ނައިބު ރައީސް ބައްދަލުކެއްވުން
ޕީއެންސީގެ ހާއްސަ ޖަލްސާއަށް ތައްޔާރުވުމަށް މިއަދު ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ނައިބު ރައީސް ބައްދަލުކެއްވުން
ޚުލާސާ

ޕީއެންސީގެ ޖަލްސާއަކީ ރައީސް މުއިއްޒުއަށް ރައްޔިތުންގެ ޝުއޫރުތައް ހާމަކޮށް، އެއްތަނަކަށް އެއްވެލާ، އެމަނިކުފާނަށް ޝުކުރު އަދާކުރުމަށް ބޭއްވޭ ވަރަށް މުހިންމު އެއްވުމެއް ކަމަށް ނައިބު ރައީސް ވިދާޅުވި.

ޕީއެންސީއިން އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު ޖަލްސާއިން ރައީސް ޑރ. މުހައްމަދު މުއިއްޒާމެދު ރައްޔިތުންގެ ހުރި ޝުއޫރުތައް ފެނިގެންދާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ. މި ޖަލްސާއަކީ ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް މި މަހުގެ 14 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމެކެވެ.

ޕީއެންސީގެ ހާއްސަ ޖަލްސާއަށް ތައްޔާރުވުމަށް މިއަދު ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މި ޖަލްސާގެ މުހިންމުކަން ބޮޑުވަނީ، ރައީސް މުއިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅުތައް ނިންމަވާލެއްވުމަށް ފަހު، އެމަނިކުފާނާއި މެދު ރައްޔިތުންގެ ހިތުގައި އޮތް ޝުއޫރުތައް ހާމަކުރުމުގެ ފުރުސަތު މި ޖަލްސާއިން ލިބިގެންދާނެތީ ކަމަށެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ ބާއްވާ ޕީއެންސީގެ ޖަލްސާއަކީ ރައީސް މުއިއްޒުއަށް ރައްޔިތުންގެ ޝުއޫރުތައް ހާމަކޮށް، އެއްތަނަކަށް އެއްވެލާ، އެމަނިކުފާނަށް ޝުކުރު އަދާކުރުމަށް ބޭއްވޭ ވަރަށް މުހިންމު އެއްވުމެއް ކަމަށެވެ.

"ރައްޔިތުން މި ބޭނުންފުޅުވެލައްވަނީ ރައީސަށް ޝުކުރު އަދާކުރެއްވުމަށްޓަކާ، އެއްތަންވެލާ ރައްޔިތުން އަތްޖަހާ، ރައީސާ ދޭތެރޭ އެބޭފުޅުންގެ ހިތްތަކުގެ ޝުއޫރު އޮތްގޮތް މުޅި ރާއްޖެއަށް ހާމަކޮށްލައިދޭން،" ނައިބު ރައީސް ވިދާޅުވި އެވެ.

ޕީއެންސީގެ ބޮޑު ޖަލްސާއަށް ދައުވަތު ކާޑު ބަހަން ފެށުމަށް މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގައި، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުގެ އިތުރުން އެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. މި ޖަލްސާއަށް ރައްޔިތުންގެ ގިނަ އަދަދެއްގެ ބައިވެރިވުމެއް ލިބޭނެ ކަމަށް ޕީއެންސީން އުންމީދުކުރެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%