މާލެއިން ގދ. އަތޮޅަށް މުދާ ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައި އެ ބޯޓު އަަޑިއަށް ގޮސްފި އެވެ.
މި ބޯޓަކީ ''ފަހިރޯޅި'' ނަމަކަށް ކިޔާ ބޯޓެއް ކަމަށާއި، މި ބޯޓު ދަތުރުކުރަމުން ދިޔައީ ގދ. ފަރެސްމާތޮޑާއަށް ކަމަށް ފުލުހުން ހާމަކުރިއެވެ.
ފުލުހުން ބުނި ގޮތުގައި މި ބޯޓު ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ފަތިހު 05:01 އެހާކަންހާއިރު ކަމަށާއި، ބޯޓުގައި ތިބި 12 މީހުން ސަލާމަތްކޮށް ވ. ފެލިދޫއަށް ގެންގޮސްފައިވާ ކަމަށެވެ.
ވ. އަތޮޅު ފެލިދޫ ސަރަޙައްދުން މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބީ ހަ ދަތުރުވެރިން (އެއް ދިވެއްސަކާއި ފަސް ބިދޭސީން) އަދި ކެޕްޓަނުގެ އިތުރުން ބޯޓުގެ ވެރިފަރާތާއި ހަތަރު ބިދޭސީ ފަޅުވެރިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ބޯޓު ފަރަށް އެރުމުގެ ސަބަބުން، ބޯޓުގެ މައްޔާ ފަޅައިގެން ގޮސްފައިވާ ކަމަށާއި، ބޯޓުގެ ބޮޑު ބައެއް އޮތީ އަޑީގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ގެންދަނީ މި ހާދިސާ ހިނގިގޮތް އިތުރަށް ތަހުގީގު ކުރަމުންނެވެ.









